ޓޯކިޔޯ (ނޮވެމްބަރު 23) - ޖަޕާނުގައި ބޭއްވި އަވަހަށް ކެއުމުގެ މުބާރާތެއްގައި މާ އަވަހަށް ކޭ މީހަކު ބަތް ގުޅައެއް ތާށިވެގެން، ނޭވާ ނުލެވިގެން މަރުވެއްޖެ އެވެ.

މި މަހު 13 ވަނަ ދުވަހު ބޭއްވި ކެއުމުގެ އިވެންޓުގައި އޭނާ ވެއްޓުނީ ކާން ހުއްޓާ ހޭ ނެތިގެންނެވެ. އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. މުބާރާތުގައި ކާން ޖެހެނީ، ފަސް ގުޅަ ބަތް ތިން މިނިޓް ތެރޭގަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތާ ތިން ދުވަސް ފަހުންނެވެ. މަރުވި އިރު ވެސް ހެއެއް ނާރަ އެވެ.

އަވަހަށް ކެއުމުގެ މުބާރާތްތަކަކީ ޖަޕާނުގައި އާއްމުކޮށް ބާއްވާ، ގިނަ ބަޔަކު ޝައުގުވެރިވާ މުބާރާތްތަކެވެ. ނަމަވެސް ތަޖްރިބާކާރުންނާއި ޑޮކްޓަރުން ބުނަނީ މާ އަވަސް އަވަހަށް ކެއުމަކީ ބަނޑާއި ކާނާ އެތެރެވާ ހޮޅި ހަލާކުވެދާނެ ކަމެއް ކަމަށެވެ.