ލޮނުރަހަ ހެޔޮވަރުކޮށްދޭ، އިލެކްޓްރިކް ޗޮޕްސްޓިކެއް ޖަޕާނުގައި އުފައްދައިފި އެވެ.

ޖަޕާނުގެ މެއިޖީ ޔުނިވާސިޓީގެ ދިރާސާވެރިންތަކެއް އުފެއްދި އެ ޗޮޕްސްޓިކުން ރަހަ ހެޔޮވަރުކޮށްދެނީ އިލެކްޓްރިކް ސްޓިމިއުލޭޝަން (ހަށިގަނޑުގެ ވިންދުން، މީހާ އަށް ކުރެވޭ އިހުސާސްތައް ދެނެގަންނަ ޑިވައިސެއް) ބޭނުންކޮށްގެންނެވެ. އަދި އޭގެން ކާއިރު، މިނީ ކޮމްޕިއުޓާއެއް ގޮތަށް މަސައްކަތްކުރާ ބޭންޑެއް ވެސް އަތުގައި އޮޅާފައި އޮވެ އެވެ.

ކާ އެއްޗެހީގައި ލޮނުރަހަ މާ ގަދަ ނަމަ، ކާން އެންމެ އެކަށީގެންވާ މިންވަރަށް އޭގެން ލޮނުރަހަ ހެޔޮވަރުކޮށްދެ އެވެ.

ޖަޕާނުގައި އުފެއްދި ލޮނުރަހަ ހެޔޮވަރުކޮށްދޭ އިލެކްޓްރިކް ޗޮޕްސްޓިކް -- ފޮޓޯ: ރޮއިޓާސް
ޖަޕާނުގައި އުފެއްދި ލޮނުރަހަ ހެޔޮވަރުކޮށްދޭ އިލެކްޓްރިކް ޗޮޕްސްޓިކް -- ފޮޓޯ: ރޮއިޓާސް

އެ ޗޮޕްސްޓިކަކީ ޖަޕާނަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އެއީ އެ ގައުމުގައި މާ ލޮނުގަދަކޮށް ކައި އުޅޭތީ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ޖަޕާނުގައި އެވްރެޖުކޮށް ކޮންމެ މީހަކު، ދުވާލަކު 10 ގްރާމްގެ ލޮނު، ކެއުމުގައި ބޭނުންކުރެ އެވެ. އެއީ ޑަބްލިއުއެޗްއޯ އިން ލަފާދީފައިވާ ވަރަށް ވުރެ ވެސް ދެގުނަ ބޮޑު އަދަދެކެވެ.

މާ ލޮނު ގަދަކޮށް އަބަދު ކެއުމަކީ ލޭ މައްޗަށް ދިއުމާއި ސްޓްރޯކް ޖެހުމާއި އަދިވެސް ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވާ ކަމެކެވެ.

އެ އިލެކްޓްރިކް ޗޮޕްސްޓިކް ބާޒާރަށް ނެރެން ނިންމާފައި ވަނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ.