އިޒްރޭލުން މޮރޮކޯގައި ހުޅުވާ ޑިޕްލޮމެޓިކް އޮފީސް ހިންގާނެ އޮފީހެއް ނުލިބި، އޮފީހުގެ ވެރިޔާ ހުންނަވާ ހޮޓަލުގައި، އޮފީސް ހިންގަވާތާ ހަ މަސްދުވަސް ވެއްޖެ އެވެ.

އިޒްރޭލާ އެކު މޮރޮކޯ އިން ސިޔާސީ ގުޅުން ގާއިމުކުރުމާ ގުޅިގެން، އިޒްރޭލުގެ ލޭޒަން އޮފީހެއް ހުޅުވަން ނިންމައި، އެ އޮފީހުގެ ވެރިއެއްގެ ގޮތުގައި ޑޭވިޑް ގޮވްރިން، މޮރޮކޯގެ ރަބާތަށް ފޮނުވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން ވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިޒްރޭލުގެ އޮފީސް ހަދާނެ ބިމެއް ކުއްޔަށް ލިބޭތޯ އެވެ.

ނަމަވެސް، އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކާއި، މަސްޖިދުލް އަގްސާގެ ހުރުމަތް ކެނޑުމުގެ އަމަލުތަކަށް ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ އޮފީހެއް ގާއިމުކުރަން ބިމެއް ދޭން، ރަބާތުގެ އެއްވެސް ބިންވެރިއަކު ބޭނުން ނުވަނީ އެވެ. އިޒްރޭލުގެ މީޑިއާތަކާއި ރަބާތުގެ ނޫސްތަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލުގެ ޑިޕްލޮމޭޓް ހުންނަވާނެ ތަނެއް ހޯދުމަށް ހަވާލުކުރި އޭޖެންސީން، ރަބާތުގެ ހިތްފަސޭހަ ހިސާބަކުން ރަނގަޅު ގެއެއް ހޯދި އެވެ. އަދި ސަލާމަތީ ގޮތުން ވެސް ރަނގަޅު ތަނަކަށްވާތީ، އެ ގެ ކުއްޔަށް ހިފަން ނިންމައި، ގޭގެ ވެރިފަރާތާ ވާހަކަ ދައްކައި އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ދިޔުމުން، އެ ގެ ކުއްޔަށް ހިފަނީ އިޒްރޭލު ސަރުކާރުގެ ބޭނުމަކަށް ކަން އެނގުމުން، އެ ގޭގެ ވެރިމީހާ، އެކަމަށް ދެކޮޅު ހެދީ އެވެ.

އޭގެ ފަހުން، އެހެން ގެއެއް ނުވަތަ އެޕާޓްމެންޓެއް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް، މިދިޔަ ހަ މަސް ތެރޭގައި ކުރެވިފައިވާ ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ދާއިރު، ކުއްޔަށް ހިފަނީ އިޒްރޭލުން ކަން އެނގުމުން، ކުއްޔަށް ދޭން ދެކޮޅު ހަދަނީ އެވެ.

ގެއެއް ނުވަތަ އެޕާޓްމެންޓެއް ހޯދުމަށް ކުރި މަސައްކަތުން ނަތީޖާއެއް ނުފެނުމުން، ޖެނުއަރީ މަހުން ފެށިގެން، ޑޭވިޑް ގޮވްރިން މިހާތަނަށް ވެސް ހުންނެވީ ރަބާތުގެ ހޮޓަލެއްގަ އެވެ. އަދި އޮފީސް ހިންގަވަނީ ވެސް އެ ހޮޓަލުގަ އެވެ.

މޮރޮކޯ އިން އިޒްރޭލާ އެކު ގުޅުން ގާއިމުކުރިކަން އިއުލާން ކުރުމާ އެކު، އެތައް ހާސް ބަޔަކު މޮރޮކޯގެ އެކި ސަރަހައްދުތަކުގެ ބޮޑެތި މަގުތަކަށް ނުކުމެ، ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އިޒްރޭލާ ދެކޮޅަށް އަޑު އުފުލި އެވެ.

ރައްޔިތުން އެކަމަށް ދެކޮޅު ހެދުމުން މޮރޮކޯ ސަރުކާރުން ބުނީ، އިޒްރޭލާ އެކު އަލުން ގާއިމު ކުރީ ނޫން ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރިން ވެސް ގުޅުން އޮތް ކަމަށެވެ. މިފަހަރު އަލަށް ކުރި ކަމަކީ، ކުރިއްސުރެ އޮތް ގުޅުން ރަސްމީކޮށްލުން ކަމަށް ވެސް މޮރޮކޯ ސަރުކާރުން ބުންނެވެ.

މިދިޔަ މެއި މަހުގެ 11-21 އަށް، އިޒްރޭލު ސިފައިން ގާޒާ އަށް ދިން އުދުވާނީ ހަމަލާތައް ކުށްވެރި ކުރުމުގެ ގޮތުން ވެސް، މޮރޮކޯގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ. އެ އުދުވާންތަކުގައި ގާޒާގެ އެތައް އިމާރާތެއް ބިމާ ހަމަކޮށްލުމުގެ އިތުރުން، ފަލަސްތީނުގެ 250 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި އެވެ.

އިޒްރޭލުގެ މިއުދުވާނަކީ، އިންސާނިއްޔަތާ ޚިލާފަށް ހިންގާފައިވާ އަމަލެއް ކަމަށް ކަނޑައަޅައި، އެކަން ކުށްވެރިކުރުމާއެކު، އެ އުދުވާނަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ ކަމަށް ބަލައި، އެ މައްސަލަ ތަހުގީގު ކުރުމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.