އިޒްރޭލުގެ ކުންފުންޏަކުން އުފައްދާފައިވާ ޖާސޫސްކުރާ ސޮފްޓްވެއާއެއް ބޭނުންކޮށްގެން، ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ ފޯނުތަކުގެ ޒަރީއާ އިން، އެމީހުންނަށް ޖާސޫސްކުރި ކަމަށް ކުރެވޭ ތުހުމަތުތައް، މޮރޮކޯ ސަރުކާރުން ދޮގުކޮށްފި އެވެ.

ޕެގަސަސް ކިޔާ ސޮފްޓްވެއާއަކީ، އައިފޯން އާއި އެންޑްރޮއިޑް ފޯނުތަކަށް، އޭގެ ވެރިމީހާ އަށް ސިއްރުން އިންސްޓޯލްވާ ގޮތަށް އުފައްދާފައިވާ ސޮފްޓްވެއާ އެކެވެ. އެ ސޮފްޓްވެއާ ފޯނަށް އިންސްޓޯލްވުމުން، އެ ފޯނު މެދުވެރިކޮށް ކުރާ ފޯން ކޯލްތަކާއި މެސެޖްތަކާއި އީމެއިލްތަކާއި އިންޓަނެޓްގައި ސާޗްކުރާ އެއްޗެހި ވެސް ދެނެގަނެވޭނެ އެވެ.

އޭގެ އިތުރުން އެ ފޯނު އެވަގުތަކު އޮތް ތަނެއް ވެސް، އެ ސޮފްޓްވެއާ އުފެއްދި އިޒްރޭލުގެ ކުންފުނި، އެންއެސްއޯ ގުރޫޕްގެ ޓެކްނޮލޮޖީސް އަށް ދެނެގަނެވޭނެ އެވެ. އަދި ފޯނުގެ މައިކާއި ފޯނުގެ ކެމެރާ ވެސް އެ ކުންފުނީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސް، އެފޯނު އެވަގުތަކު އޮތް ތަނެއްގައި ދައްކާ ވާހަކަތައް އަޑުއެހުމާއި އެތަނެއްގެ މަންޒަރުތައް ބެލުމުގެ ގާބިލުކަން ވެސް އެ ކުންފުންޏަށް ލިބިގެންވެ އެވެ.

އިޒްރޭލުގެ މި ޖާސޫސް ސޮފްޓްވެއާ ބޭނުންކޮށްގެން، ދުނިޔޭގެ 14 ގައުމެއްގެ އެންމެ އިސް ވެރިންގެ ޒާތީ މައުލޫމާތުތަކަށް ޖާސޫސްކޮށްފައިވާ ކަމަށްވެ އެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލުންނާއި، ގައުމުން ބޭރަށް އަރުވާލެވިގެން އުޅުއްވާ ބައެއް ގައުމުތަކުގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި، މަޝްހޫރު ނޫސްވެރިން ވެސް ހިމެނެ އެވެ.

ނަމަވެސް މޮރޮކޯ ސަރުކާރުން ބުނި ގޮތުގައި އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ދުނިޔޭގެ އެއްވެސް ވެރިއެއްގެ މައުލޫމާތު ހޯދުމަށް ޖާސޫސްކޮށްފައެއް ނުވާނެ އެވެ. އަދި މޮރޮކޯ ސަރުކާރު އަޑީގައި އޮވެގެން، އެފަދަ ކަމެއް ކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަނީ، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބުރަވެގެން ކަމަށާއި، އެއީ މޮރޮކޯ ބަދުނާމުކުރަން ކުރާ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ފަރަންސޭސި ނޫހަކުން ބުނެފައިވާ ގޮތުގައި، ފަރަންސޭސި ރައީސް އިމަނުއޭލް މެކަރޯންގެ ޒާތީ މައުލޫމާތުތަކެއް މޮރޮކޯ ސަރުކާރުގެ ބޭނުމަކަށް ހޯދުމަށްޓަކައި، ޕެގަސަސް މެދުވެރިކޮށް ޖާސޫސް ކޮށްފައިވެ އެވެ.

އެހެން ނަމަވެސް މޮރޮކޯ އިން ބުނެފައިވަނީ އެފަދަ ކަމެއް ނުކުރާ ކަމަށާއި، މޮރޮކޯ ސަރުކާރު ބަދުނާމުކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައުގައި ވެސް ގާނޫނީ ގޮތުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

މޮރޮކޯގެ ބަންޑާރަ ނާއިބު މިހާރު ވަނީ، ޕެގަސަސް މައްސަލައިގެ ކަން ހިނގާފައިވާ ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ރަސްމީ ގޮތުން ފައްޓަވައިފަ އެވެ. މި ތަހުގީގުގެ މައިގަނޑު ބޭނުމަކީ، މިވާހަކަތައް ފެތުރުމުގައި އަޑީގައި ތިބި ބަޔަކު ދެނެގަތުން ކަމަށް ވެސް މޮރޮކޯ އިން ބުނެ އެވެ.

ޕެގަސަސް ސޮފްޓްވެއާ އީޖާދުކުރި އެންއެސްއޯ ގުރޫޕް ޓެކްނޮލޮޖީސް އަކީ، އިޒްރޭލުގެ ވެރިރަށް ތެލްއަބީބްގައި ރަޖިސްޓްރީކޮށް ހިންގާ ކުންފުންޏެކެވެ. ފަސް ސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އެ ކުންފުނި އުފައްދާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި ޕެގަސަސް ސޮފްޓްވެއާ ބޭނުންކުރަނީ، ޓެރަރިސްޓުންނާއި ބޮޑެތި ޖިނާއީ ކުށްވެރިންނަށް ފާރަލުމަށް އެކަންޏެވެ.