މެނީލާ (އޮކްޓޯބަރު 11) - ޒިކާ ވައިރަސް އޭޝިއާގައި އަދިވެސް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.
ފިލިޕީންސްގައި ފެށި ސަރަހައްދީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު މާގަރެޓް ޗަަން ވިދާޅުވީ ޒިކާ އަށް ފަރުވާއެއް ހޯދުމަށް ތަޖްރިބާކާރުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެކަމަކު އަދިވެސް މި ބައްޔަށް ސައެންސްވެރިންނަށް ޖަވާބެއް ހޯދިފައެއް ނުވޭ،" ޗަން ވިދާޅުވި އެވެ.
އޭޝިއާގެ ބައެއް ގައުމުތަކުގައި ވެސް ޒިކާ ވަނީ ހަލުވިކަމާ އެކު ފެތުރެން ފަށައިފަ އެވެ. ސިންގަޕޫރަށް ފަހު މެލޭޝިއާ އިން ޒިކާ ފެނިފައި ވަނިކޮށް ތައިލެންޑުގައި ވިހޭ ދެ ކުއްޖަކަށް ވަނީ ޒިކާއާ ގުޅިފައިވާ މައިކްރޯސެފަލީ ޖެހިފަ އެވެ. މިއީ މައިކްރޯސެފަލީ ދެކުނު އިރުމަތީ އޭޝިއާ އިން ފެނުނު ފުރަތަމަ ފަހަރެވެ. ފިލިޕީންސް އާއި ވިއެޓްނާމުން ވަނީ ވެސް ޒިކާ ފެނިފައިވެ އެވެ. ސިންގަޕޫރުން 400 މީހަކަށް ޒިކާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.
ޑެންގީ ހުން ޖައްސާ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޒިކާގެ އަލާމާތްތަކަކީ ޑެންގީގައި ވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. އެގޮތުން ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ މި ބަލި އުޅޭ ގައުމުތަކަށް، މާބަނޑު މީހުން ދަތުރު ނުކުރުމަށާއި މާބަނޑު މީހުން ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.
ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ވަނަ އަހަރު ޔުގެންޑާ އިން ރާމާމަކުނުންނެވެ. މިއީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔަކަށް އޭރު ނުވާތީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވިފައެއް ނުވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު ބްރެޒިލުގައި ފެތުރެން ފެށި މި ބަލި މިހާރު ވަނީ 70 ގައުމަކުން ފެނިފަ އެވެ. މީގެ ތެރޭން އޭޝިއާގެ 19 ގައުމަކުން ވެސް ޒިކާ ފެނިފައިވެ އެވެ.