ލަންޑަން (އެޕްރީލް 11) - ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީ އަށް އިނގިރޭސި ފުލުހުން ވަދެ ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖް މިއަދު ހައްޔަރުކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން އިކުއެޑޯ އެމްބަސީން އަސާންޖް ހިމާޔަތް ހޯދީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށް ސްވިޑަންއާ ހަވާލުކޮށްފާނެތީ އެވެ. މެޓް ފުލުހުން ބުނީ އަސާންޖް ހައްޔަރު ކުރީ ކޯޓަށް ހާޒިރު ވުމުގެ އަމުރަށް ތަބާނުވުމުން ކަމަށެވެ.
އިކުއެޑޯގެ ރައީސް ލެނިން މޮރީނޯ ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާތަކާ އަސާންޖް ތަކުރާރުކޮށް ޚިލާފުވެފައިވާތީ އޭނާ އަށް ދީފައިވާ ހިމާޔަތް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެކަމަކު ވިކިލީކްސް އިން ބުނެފައި ވަނީ އަސާންޖުގެ ސިޔާސީ ހިމާޔަތް އިކުއެޑޯ އިން އުވާލީ ގާނޫނާ ޚިލާފަށް ކަމަށެވެ.
ހޯމް ސެކްރެޓަރީ ސާޖިދު ޖާވިދު ވަނީ އަސާންޖް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ޔަގީންކޮށްދެއްވައިފަ އެވެ.
އެމްބަސީން ނުކުތުމަށް އަސާންޖް، 47، ދެކޮޅު ހަދަމުން ދިޔައީ އޭނާ ހައްޔަރުކޮށް އެމެރިކާއާ ހަވާލުކޮށްފާނެތީ އެވެ. އެއީ ވިކިލީކްސް އިން އާއްމު ކުރި ސިއްރު ލިޔުންތަކާ ގުޅިގެންނެވެ.
ސްކޮޓްލެންޑް ޔާޑުން ބުނެފައި ވަނީ އިކުއެޑޯ ސަރުކާރުން އަސާންޖަށް ދީފައިވާ ހިމާޔަތް އުވާލުމާ އެކު ފުލުހުން އެމްބަސީ އަށް ވަނުމުގެ ހުއްދަ ދީފައި ވަނީ އިކުއެޑޯ ސަފީރު ކަމަށެވެ.