ލަންޑަން (މެއި 18) - ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދައިފައިވާ ޖޫލިއަން އަސާންޖަށް ފޯރުކޮށްދޭ ސެކިއުރިޓީއާ ގުޅޭ އިތުރު ޚިދުމަތްތައް ކަނޑާލައިފި އެވެ.

ސެކިއުރިޓީ ކަނޑާލާފައި މި ވަނީ އަސާންޖުގެ ސެކިއުރިޓީ އަށް އިކުއެޑޯ އިން ފަސް މިލިއަން ޑޮލަރު ޚަރުކޮށްފައިވާ ކަމުގެ ރިޕޯޓްތަކެއް އާއްމުވެފައި ވަނިކޮށެވެ. އެ ފައިސާ ބޭނުންކޮށްފައި ވަނީ އަސާންޖަށް ޒިޔާރަތްކުރާ މީހުން މޮނިޓާ ކުރުމަށާއި އެމްބަސީ ސްޓާފުންނާއި އިނގިރޭސި ފުލުހުންނަށް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން އަސާންޖަށް ހިމާޔަތް ދީފައި ވަނީ 2012 ވަނަ އަހަރު އެވެ. އޭނާ ލަންޑަން އެމްބަސީގައި ބަހައްޓާފައި ހުރީ ސްވިޑަން އަށް ފޮނުވާލަފާނެތީ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލައެއްގައި ސުވާލު ކުރުމަށެވެ. ނަމަވެސް ސްވިޑަން އިން މިހާރު ވަނީ އެ މައްސަލަ ދޫކޮށްލައިފަ އެވެ. އެކަމަކު އަސާންޖް ގަބޫލް ކުރަނީ އޭނާ އެމްބަސީން ނުކުމެއްޖެ ނަމަ އެމެރިކާއާ ހަވާލު ކުރާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ. އެއީ ވިކިލީކްސް އިން އާއްމުކުރި މައުލޫމާތާ ގުޅިގެންނެވެ.

އިކުއެޑޯ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ލަންޑަން އެމްބަސީގައި ސެކިއުރިޓީ އަށް ކުރާ އިތުރު ހުރިހާ ޚަރަދެއް ހުއްޓާލަން ރައީސް ލެނިން މޮރެނޯ އަންގަވާފައިވާ ކަމަށެވެ.

އިކުއެޑޯ އިން މާޗް މަހު ވަނީ އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ވެސް ކަނޑާލައިފި އެވެ. އެ ފިޔަވަޅާ ގުޅިގެން ބޭރު ދުނިޔެއާ މުވާސަލާތު ކުރުމުގެ ފުރުސަތު އަސާންޖަށް ވަނީ ބަންދުވެފަ އެވެ. އިކުއެޑޯ އިން ބުނީ މިއީ އެހެން ގައުމުތަކުގެ ކަންކަމާ ވިކިލީކްސްގެ ބާނީ ބެހުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.