ޖަކާޓާ (އޮގަސްޓް 28) - އިންޑޮނީޝިއާގެ މީހަކަށް އުމުރުން 145 އަހަރު ވެއްޖެ ކަމަށް ބެލެވުމާ އެކު އެއީ ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅުނު މީހާ ކަމަށް ގަބޫލްކުރެވެން ފަށައިފި އެވެ.

މެދުތެރޭގެ ޖާވާގެ ސްރެގަން އަށް ޑިސެމްބަރު 31، 1870 ގައި އުފަންވެފައިވާ މުބާހު ގޮތޯގެ ރަސްމީ ލިޔުންތައް އިންޑޮނީޝިއާގެ އޮފިޝަލުން ގަބޫލްކޮށްފައިވާ ކަމަށްވެ އެވެ. މި ލިޔުންތަކަކީ ސައްހަ އެއްޗެއް ނަމަ މިހާތަނަށް ދުނިޔޭގައި އުޅުނު ކަމަށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ފްރާންސްގެ ޖީން ކާލްމެންޓަށް ވުރެ ގޮތޯ 23 އަހަރު ދޮށިވާނެ އެވެ. ޖީން ވަނީ އުމުރުން 122 އަހަރުގައި 1997 ވަނަ އަހަރު މަރުވެފަ އެވެ.

ގޮތޯގެ އުފަން ސްރެގަންގެ އޮފިޝަލުން މިހާރު ވަނީ އޭނާގެ އައިޑީ ކާޑާއި އުފަން ދުވަހުގެ ސެޓްފިކެޓަކީ ސައްހަ އެއްޗެއް ކަމަށް ބަލާ އެ ތަކެތި އޮންލައިންކޮށް ޕޯސްޓްކޮށްފަ އެވެ. މިއީ ތެދެއް ނަމަ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު ގޮތޯ އަށް 74 އަހަރު ފުރިފައިވާނެ އެވެ.

އުމުރުން މިހާރު 145 އަހަރު ވެއްޖެ ކަމަށް ބުނާ އިންޑޮނީޝިއާގެ މީހާގެ އުފަން ދުވަސް އަންގައިދޭ ރަސްމީ ލިޔުން.
އުމުރުން މިހާރު 145 އަހަރު ވެއްޖެ ކަމަށް ބުނާ އިންޑޮނީޝިއާގެ މީހާގެ އުފަން ދުވަސް އަންގައިދޭ ރަސްމީ ލިޔުން.

އެކަމަކު ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު މި މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެހެން ނޫނީ ދުނިޔޭގެ އެއްވެސް ރެކޯޑަކަށް އޭނާގެ ނަން ނާރާނެ އެވެ. މީގެ ކުރިން ވެސް ވަނީ ބައެއް ގައުމުތަކުގެ މީހުން ވަރަށް ގިނަ ދުވަހު ދުނިޔޭގައި އުޅުނު ކަމަށް ދައުވާކޮށްފަ އެވެ. ނައިޖީރިއާ މީހަކު 171 އަހަރު އަދި އިތިއޮޕިއާ މީހަކު 163 އަހަރު ދުނިޔޭގައި އުޅުނު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން މި މައުލޫމާތު ޔަގީންކޮށްފައި ނެތުމުން އެއްވެސް ރެކޯޑެއްގައި ނެތެވެ.

ސްރެގެންގެ މީޑިއާއާ ވާހަކަ ދައްކަމުން ގޮތޯ ބުނެފައި ވަނީ ދުނިޔޭގައި ދެން އިތުރަށް އުޅުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި ބޭނުން ވަނީ މަރުވާން ކަމަށެވެ. މަރުވާނެ ކަމަށް ބަލާ މަހާނަ ގާ ހޯދިތާ ވެސް މިހާރު 24 އަހަރު ވެއްޖެ ކަމަށް އޭނާއާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. މިހާ ގިނަ ދުވަހު ދުނިޔޭގައި އުޅުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން އޭނާ ބުނެފައި ވަނީ "ކެތްތެރިކަން" ކަމަށެވެ.