ޖަކާޓާ (މެއި 2) - އިންޑޮނީޝިއާގެ މީހަކަށް އުމުރުން 146 އަހަރުވެ އެއީ ދުނިޔޭގައި ދިރިއުޅުނު އެންމެ ގިނަ ދުވަސްވެފައިވާ މީހާ ކަމަށް ބުނާ މީހާ، މެދު ތެރޭ ޖާވާގެ އަވަށެއްގައި މަރުވެއްޖެ އެވެ.
މުބާހު ގޮތޯ ނުވަތަ ސޮޑިމެޖޯގެ ރަސްމީ ލިޔުންތައް ބުނާ ގޮތުން އޭނާ އުފަންވެފައި ވަނީ މެދުތެރޭގެ ޖާވާގެ ސްރެގަން އަށް ޑިސެމްބަރު 31، 1870 ގަ އެވެ. ނަމަވެސް އިންޑޮނީޝިއާގައި އުފަން ދުވަހުގެ ރެކޯޑްތައް ބަލަހައްޓަން ފަށާފައި ވަނީ 1900 ވަނަ އަހަރު އެވެ. އަދި އޭގެ ކުރީގެ ރެކޯޑްތަކުގައި އޮޅުންތައް ހުރި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އިންޑޮނީޝިއާގެ އޮފިޝަލުން ވަނީ ގޮތޯގެ ލިޔުންތައް ގަބޫލްކޮށްފައިވާ ކަމަށްވެ އެވެ. މި ލިޔުންތަކަކީ ސައްހަ އެއްޗެއް ނަމަ މިހާތަނަށް ދުނިޔޭގައި އުޅުނު ކަމަށް ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ފްރާންސްގެ ޖީން ކާލްމެންޓަށް ވުރެ ގޮތޯ 24 އަހަރު ދޮށިވާނެ އެވެ. ޖީން ވަނީ އުމުރުން 122 އަހަރުގައި 1997 ވަނަ އަހަރު މަރުވެފަ އެވެ.
ގޮތޯ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައީ އެޕްރީލް 12 ވަނަ ދުވަހު އެވެ. ގޮތޯގެ ކާފަ ދަރިއަކު ބުނީ ހޮސްޕިޓަލުގައި އޮންނަން ގޮތޯ ދެކޮޅު ހެދުމުން ގެއަށް ގެންދިޔަ ފަހުން ކަނީ ވަރަށް މަދުން ކަމަށެވެ.
ގޮތޯގެ އުފަން ދުވަހުގެ ލިޔުންތަކަކީ ސައްހަ އެއްޗެއް ނަމަ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު ގޮތޯ އަށް 74 އަހަރު ފުރިފައިވާނެ އެވެ.
ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ގޮތޯއާ ބެހޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެހެން ނޫނީ ދުނިޔޭގެ އެއްވެސް ރެކޯޑަކަށް އޭނާގެ ނަން ނާރާނެ އެވެ. މީގެ ކުރިން ވެސް ވަނީ ބައެއް ގައުމުތަކުގެ މީހުން ވަރަށް ގިނަ ދުވަހު ދުނިޔޭގައި އުޅުނު ކަމަށް ދައުވާކޮށްފަ އެވެ. ނައިޖީރިއާ މީހަކު 171 އަހަރު އަދި އިތިއޮޕިއާ މީހަކު 163 އަހަރު ދުނިޔޭގައި އުޅުނު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން މި މައުލޫމާތު ޔަގީންކޮށްފައި ނެތުމުން އެއްވެސް ރެކޯޑެއްގައި ނެތެވެ.
ސްރެގެންގެ މީޑިއާއާ ވާހަކަ ދައްކަމުން ގޮތޯ މިދިޔަ އަހަރު ބުނެފައި ވަނީ ދުނިޔޭގައި ދެން އިތުރަށް އުޅުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި ބޭނުން ވަނީ މަރުވާން ކަމަށެވެ. މަރުވާނެ ކަމަށް ބަލާ މަހާނަ ގާ ހޯދިތާ ވެސް މިހާރު 24 އަހަރު ވެއްޖެ ކަމަށް އޭނާއާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. މިހާ ގިނަ ދުވަހު ދުނިޔޭގައި އުޅުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން މިދިޔަ އަހަރު އޭނާ ބުނެފައި ވަނީ "ކެތްތެރިކަން" ކަމަށެވެ.