އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހައްޔަރުކޮށް ދަންޖައްސައި މެރުމުގެ ހުކުމް ތަންފީޒުކުރަން އުޅޭ ކަމަށް ވިދާޅުވެ ހަމަލާގެ އިންޒާރު ދެއްވަމުން ގެންދެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެ އެވެ. 

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ މުޒާހަރާގެ ބައިވެރިން މެރުން އީރާނުން ހުއްޓާލައިފި ކަމަށް މިހާރު އޭނާއަށް އަންގާފައިވާ ކަމަށެވެ. އީރާނަށް ހަމަލާ ދޭނެ ކަމަށް ދެއްވި އިންޒާރާ މެދު ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ ދެން ކަންތައް ވާނެ ގޮތެއް ބަލަން ތިބުމަށެވެ. 

ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވާ ގޮތުގައި، މިހާތަނަށް އީރާން ސަރުކާރާ ދެކޮޅަށް ކުރާ އެންމެ ބޮޑު މުޒާހަރާ ހުއްޓުވަން ކުރި މަސައްކަތުގައި ވަނީ 3،428 މީހަކު މަރާލައިފަ އެވެ. 

އެކަމަކު ޓްރަމްޕު ވިދާޅުވީ އީރާނުން މިހާރު މީހުން މެރުން ހުއްޓާލައިފި ކަމަށް "ވަރަށް މުހިންމު ފަރާތަކުން އަންގައިފި" ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ދަންޖެއްސުން ވެސް ހުއްޓާލައިފި ކަމަށް ވިދާޅުވި އެވެ. 

"މީހުން މެރުން ހުއްޓާލައިފި ކަމަށް، ދަންޖެއްސުން ދެން ކުރިއަށް ނުދާނެ ކަމަށް ވަނީ އަންގާފައި -- މިއަދު އެތައް ބަޔަކު ދަންޖައްސައި މަރަން ހަމަޖެހިފައި އޮތް. އެކަމަކު ދެން އެކަން ކުރިއަކަށް ނުދާނެ -- އެކަން އަހަރެމެން އަދިވެސް ބަލާނަން،" ޓްރަމްޕު ވިދާޅުވި އެވެ. 

މިކަމާ ބެހޭ އެއްވެސް ތަފްސީލެއް ޓްރަމްޕު ނުދެއްވަ އެވެ. އެކަމަކު ވިދާޅުވީ އެ ބުނާ ބުނުން އިތުރަށް ކަށަވަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 

އީރާނަށް ހަމަލާ ދޭނެ ކަމަށް ދެއްވި އިންޒާރާ ގުޅުވައި އޯވަލް އޮފީހުގައި އޭއެފްޕީގެ ނޫސްވެރިޔަކު ވަނީ އަސްކަރީ އިހުތިޔާރު ދެން ދޫކޮށްލެއްވީތޯ ސުވާލުކޮށްފަ އެވެ. 

"ކަންކަން ކުރިއަށްދާ ގޮތް އަހަރެން އަދި ބަލަމުން ގެންދާނަން،" ޓްރަމްޕު ވިދާޅުވި އެވެ. 

އަނެއްކޮޅުން، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެމެރިކާގެ ފޮކްސް ނިއުސް އަށް ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "މިއަދަކު ވެސް މާދަމާ އަކު ވެސް ދަންޖެއްސުމެއް ނެތް" ކަމަށެވެ. 

"އަޅުގަނޑަށް ޔަގީންކަމާ އެކު ބުނެވިދާނެ، ދަންޖެއްސުމަށް ހަމަޖެހިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ. 

ފޮރިން މިނިސްޓަރު ވަނީ އީރާންގައި ހިނގަމުންދާ ހަމަނުޖެހުމަކީ އިޒްރޭލުން ރާވައި ހިންގާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެހެން ތުހުމަތުކުރައްވާ ސަބަބެއް ވިދާޅެއް ނުވެ އެވެ. 

ހިނގައިދިޔަ ކަންތައްތަކަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުމަށް ފަހު މިހާރު އީރާންގެ މަގުތަކަށް އަމާންކަން އައިސްފައިވާ ކަމަށާއި ސަރުކާރަށް ފުރިހަމަ ކޮންޓްރޯލް އެބަ އޮތް ކަމަށެވެ.