އިސްތަށިގަނޑު ނުރަވާތީ ކަޅުކޮށްލަން ދަނީ ސެލޫނަކަށް ހެއްޔެވެ؟ ނުވަތަ ކުލަ ގަނެގެން ގޭގައި އަމިއްލަ އަށް އެކަން ކުރަނީ ހެއްޔެވެ؟ މި ދެ ގޮތަށް ބެލިޔަސް ހަރަދުތަކެއް ހިނގާނެ އެވެ.
ނަމަވެސް ވަރަށް ހަރަދު ކުޑަކޮށް މިކަން ކޮށްލެވިދާނެ ގޮތެއް އެބަ އޮތެވެ. ގޭގައި ހިކަނދިފަތް ގަހެއް ހުރި ނަމަ އޭގެ ބޭނުން ހިފާށެވެ. އިސްތަށިގަނޑާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯކަޅުކޮށްލަން ހިކަނދިފަތް ނުވަތަ ރިހަ ފަތަކީ އެއްވަނައިގެ އެއްޗެކެވެ.
ދެން ސުވާލަކީ މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. އިސްތަށިގަނޑަށް ފުދޭ ވަރަށް ހިކަނދިފަތްކޮޅެއް ހޯދާލާފައި އޮލަ ޕޭސްޓެއް ހުންނަ ގޮތަށް ފުނޑައިލާށެވެ. ދެން ބޮލުގެ އިސްތަށިތަކުގައި ރަނގަޅަށް ހޭކޭ ވަރަށް އުނގުޅާށެވެ. އެއަށް ފަހު ވިއްސަކަށް މިނެޓް ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން ރަނގަޅަށް ދޮވެލާށެވެ. ބޮލުން ވަސް ފިލައިގެންދާ ވަރަށް ދޮވެލަން ވާނެ އެވެ.
އެއަށް ފަހު އިސްތަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެންނަން ބޭނުން ނަމަ ތާޒާ އެލޯ ވެރާ ޖެލްކޮޅެއް އުނގުޅައިލާށެވެ. މި ވެސް މިހާރު ހޯދަން މިހާރު އެހާ އުނދަގޫ އެއްޗަކަށް ނުވާނެ އެވެ. ގޭގައި ފަހަރުގައި އެލޯ ވަރެއްގެ ގަހެއްގެ ޕޮޓެއް ވެސް ހުރެދާނެ އެވެ. އެއިން ފަތެއް ކަނޑާލައިގެން ޖެލްކޮޅެއް ނެގިދާނެ އެވެ.
މިހެން ހެދުމުން އިސްތަށިގަނޑުގެ ވިދުން ގަދަވެ، އިސްތަށިގަނޑު މަޑު ވެސް ވާނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ހަފުތާއަކު ތިން ދުވަހު ހިކަނދިފަތް ޕޭސްޓް ބޮލުގައި އުނގުޅާ ނަމަ، ނުރަވެގެން ކަންބޮޑުވާކަށް ނުޖެހޭނެ އެވެ. އެއިން ފުރިހަމަ ހައްލެއް ހޯދައިދޭނެ އެވެ.
ރިހަ ކައްކަން އާންމު ގޮތެއްގައި ބޭނުންކުރާ ހިކަނދިފަތަކީ ސިއްހީ ފައިދާތައް ގިނަ ފަތެކެވެ. އޭގެ ތެރޭގައި މި ފަތް ކެއުމުގައި ގިނައިން ބޭނުންކުރި ވަރަކަށް ހަނދާން ވެސް ކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.