ވިލާ ކުންފުނިން ހިންގާ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް އެމްއެމްއޭ އިން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމާ އެކު ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް ހުއްޓިއްޖެ އެވެ.

ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓަކީ ވެސް އައިލެންޑް ފައިނޭންޝަލް ސާވިސް އެވެ. އެ ހިދުމަތަކީ، ރާއްޖޭގައި ދިރިއުޅޭ އެތައް ބަޔަކު ބޭރަށް ފައިސާ ފޮނުވުމަށާއި، ގިނަ އަދަދެއްގެ ދިވެހިން ވެސް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ބޭނުން ކުރާ ހިދުމަތެކެވެ.

އެމްއެމްއޭ އިން މީގެ ދެ ދުވަހެއް ވަރު ކުރިން ކޮށްފައިވާ އިއުލާނުގައި ބުނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް އެ އޮތޯރިޓީން ދޫކޮށްފައިވާ، ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަކި ގޮތެއް އަންގަންދެން މި މަހުގެ 8 އިން ފެށިގެން ހިފަހައްޓާފައިވާ ކަމަށެވެ.

އެ ލައިސަންސް ހިފެހެއްޓި ސަބަބެއް އެމްއެމްއޭއަކުން ނުބުނެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ލައިސަންސް ހިފަހައްޓާފައި ވަނީ ބައެއް ކަންކަން ރަނގަޅުކުރުމަށް ވަގުތު ދިނުމުން ވެސް އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކޮށްފައި ނުވާތީ އެވެ.

ވިލާ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ޕޭމަންޓް ލައިސަންސް ހިފަހައްޓާފައި ވަނީ އެ ހިދުމަތް ދިނުމަށް ބޭނުންކުރާ އެޕަށް މިވަގުތުން ވަގުތަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމުން ކަމަށެވެ. އެކަމަކު އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ހިދުމަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މާބޮޑު ކަމެއް ދިމާވެގެނެއް ނޫން. ލޯކަލް ޗޭންޖަސްތަކެއް ގެންނަން ޖެހޭތީ ހިފެހެއްޓީ. އަޅުގަނޑުމެން ދޭތެރެ ދޭތެރެއިން ދަނީ އަޕްގްރޭޑްކުރަމުން. އެގޮތަށް ބަދަލެއް ގެނަން ޖެހޭތީ. އާދިއްތަ ދުވަހު ހިދުމަތް ފެށުމަށް މި މަސައްކަތްކުރަނީ،" ވިލާގެ އޮފިޝަލަކު ވިދާޅުވި އެވެ.

'

ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓުމުގެ ސަބަބުން މަނީ ޓްރާންސްފާގެ ހިދުމަތް ވަނީ މެދުކަނޑިފައި
ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓުމުގެ ސަބަބުން މަނީ ޓްރާންސްފާގެ ހިދުމަތް ވަނީ މެދުކަނޑިފައި

އެ ކުންފުނި މެދުވެރިކޮށް އެތައް ބަޔަކު ފައިސާގެ މުއާމަލާތް ކުރަމުން އައި ނަމަވެސް ރާއްޖޭގައި ހިދުމަތް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި ވަނީ ކޮންމެހެން ގެންނަންޖެހޭ އިންޓާނަލް އަޕްޑޭޓްތަކެއް ގެންނަން ކަމަށް ވެ އެވެ.