ވެސްޓަ ޔޫނިއަން ހިންގުމުގެ ހުއްދަ ބާތިލު ކުރިތާ 10 ދުވަސް ފަހުން، އެ ތަން ހިންގުމުގެ ހުއްދަ މަރުކަޒީ ބޭންކުން މިއަދު އަލުން ދީފި އެވެ.

ވިލާ ކުންފުނިން ހިންގާ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް އެމްއެމްއޭ އިން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމާއެކު ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް ހުއްޓާލަން ޖެހުނީ މިމަހުގެ 8 ވަނަ ދުވަހު އެވެ.

އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން އައިލެންޑް ފައިނޭންޝަލް ސާވިސަސްގެ ލައިސަންސް ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.

ވެސްޓަން ޔޫނިއަން އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އެތައް ބަޔަކާއި ގިނަ އަދަދެއްގެ ދިވެހިން ވެސް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ބޭނުން ކުރާ ހިދުމަތެކެވެ.

އައިލެންޑް ފައިނޭންޝަލް ސާވިސަސްގެ ލައިސަންސް ސަަސްޕެންޑް ކުރި ސަބަބެއް އެމްއެމްއޭ އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ލައިސަންސް ހިފަހައްޓާފައި ވަނީ ބައެއް ކަންކަން ރަނގަޅުކު ރުމަށް ވަގުތު ދިނުމުން ވެސް އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކޮށްފައި ނުވާތީ އެވެ.

ވިލާގެ އޮފިޝަލަކު ކުރިން ވިދާޅުވެފައި ވަނީ ލައިސަންސް ސަސްޕެންޑް ކުރީ ބައެއް ބަދަލުތައް ގެންނަން ޖެހޭތީ ކަމަށެވެ.

ވެސްޓަން ޔޫނިއަން އިން އަންނަނީ 200 އަށް ވުރެ ގިނަ ގައުމުގައި މަނީ ޓްރާންސްޕާގެ ހިދުމަތް ދެމުންނެވެ.