ވޮޝިންޓަން (ޖެނުއަރީ 17) - އެމެރިކާގެ އާ ރައީސް ޖޯ ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތާ ދިމާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ހިންގަފާނެ ހަމަނުޖެހުމަކަށް މުޅި އެމެރިކާ އެލާޓަށް އައިސްފައި ވަނިކޮށް، ކޮންގްރެސް އިމާރާތް، ކެޕިޓަލް ހިލްއާ މާދުރު ނޫން ހިސާބެއްގައި ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓަކުން ހަތިޔާރާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ވޮޝިންޓަނުގެ ސުޕީރިއާ ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ވާޖީނިއާ އަށް ނިސްބަތްވާ އެ މީހާ ވަނީ، ބެރިކޭޑް ހުރަސްކޮށް، ބައިޑަން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ސަރަހައްދަށް ވަންނަން އުޅެފަ އެވެ. އެ މީހާގެ އަތުން ވަނީ ބަޑިއަކާއި ގިނަ އަދަދެއްގެ ވަޒަން ފެނިފަ އެވެ. ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން އެ މީހާގެ މައްޗަށް ވަނީ ހުއްދަ ނޫން ގޮތުގައި ހަތިޔާރު ގެންގުޅުމުގެ ދައުވާކޮށްފަ އެވެ.
އެކަމަކު ފަހުން އެ މީހާ ބުނި ގޮތުގައި އޭނާ އަކީ ޕްރައިވެޓް ސެކިއުރިޓީ ގާޑެކެވެ. އަދި އެ ސަރަހައްދަށް ދެވުނީ އޮޅިގެން ކަމަށް ބުންޏެވެ.
އަންނަ ބުދަ ދުވަހު ބައިޑަން ހުވާ ކުރާ ރަސްމިއްޔާތަށް ވޮޝިންޓަނުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ މި މަހު 6 ވަނަ ދުވަހު ކޮންގްރެސްގައި ބޭއްވި ބައްދަލުވުމަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު އެވެ. އެ ހަމަނުޖެހުންތަކުގައި ވަނީ ފަސް މީހުން މަރުވެފަ އެވެ.