ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެމެރިކާ އާޢި ވިލާތުގެ ގައުމުތަކުގައި މައްޗަށް ދިޔުމަށް ފަހު، މިއަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ މަހުން މަހަށް، އަދަދުތައް ދަށް ވަމުންނެވެ. އޭގެ ހަމައެކަނި ސަބަބަކީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ބަޔަކު ވެކްސިން ޖެހުން ކަމަށް، ވޮޝިންޓަން ޕޯސްޓު ދުވަހު ނޫހުން އާންމުކުރި ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި، ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވަމުން އަންނަނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ ގައުމުތަކުގަ އެވެ. އެފަދަ ސްޓޭޓްތަކުގައި ގިނަ ބައެއްގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފެދި، ބަލި ޖެހޭ މީހުންގެ ނިސްބަތާއި، ބަލީގައި ބޮޑުވަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.
މިއާ ހިލާފަށް މިހާރުވެސް ކޮވިޑް ބަލި ފެތުރޭ ނިސްބަތް މަތީގައި ހުރީ، ވެކްސިން ނުޖެހިފައި ތިބި މީހުންގެ މެދުގައި ކަމަށާއި، ބަލި ޖެހުމުން ބޮޑުވަރުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނައީ، އެފަދަ މުޖްތަމައުތަކުގައި ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.
ކޮވިޑްގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެ ވަނަ ޑޯޒް ނުޖެހިފައި ތިބި މީހުންގެ މެދުގައިވެސް ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް، ހާލު ބޮޑުވާ ނިސްބަތް ދަށް ކަމަށް އެ ދިރާސާގައިވެ އެވެ. އަދި އެފަދަ މުޖްތަމަތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން ދިޔަ ނަމަވެސް، ހާލު ދެރަވާ މީހުން ގިނަވެ، ހޮސްޕިޓަލްތަކަށް ނުތަކާ މިންވަރަށް ހާލަތު ގޯހެއް ނުވެ އެވެ.
އެމެރިކާގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓް މީހުންނަށް މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައިފަ އެވެ. އަދި އެމެރިކާ އިން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ، 16000 އަށް ވުރެ ދަށްވެފަ އެވެ.
އެމެރިކާ އަކީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ، އަދި މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެމެރިކާގައި މިހާތަނަށް 34.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 615000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، މިއަހަރުގެ މާޗް މަހުން ފެށިގެން، އެމެރިކާގެ ގިނަ ސަރަހައްދުތަކުގައ ވަނީ، ޒަރޫރީ ކަންކަމުގައި ނޫނީ ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެފިޔަވަޅުތައް ތަންފީޒު ކުރަން ފެށުމުން، ކޮވިޑް ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.