އިންސްޓަގްރާމާއި ފޭސްބުކާއި ސްނެޕްޗެޓް ކަހަލަ ޕްލެޓްފޯމްތަކަށް ލާން މޮޅު ގޮތްގޮތަށް ފޮޓޯ އާއި ވީޑިއޯ ނަގަން ހަދައިގެން މަރުވާ މީހުންގެ އަދަދު އިރުވަމުންދާކަން ރިޕޯޓްތަކުން ދައްކަ އެވެ.

އެމެރިކާގެ ވޮޝިންޓަންގެ، އުމުރުން 27 އަހަރުގެ ނިކް ނޭޑެވް އަކީ މިފަދަ މަރަކުން ކިރިޔާ ސަލާމަތްވި މީހެކެވެ. އޭނާ ރައްޓެހިންތަކަކާ ޗުއްޓީ އަށް ދިޔަ ކްރޫޒް ލައިނާއެއްގެ 11 ވަނަ ޑެކުން ކަނޑަށް ފުންމައިލީ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ބޭނުމަކަށްވީ އިންސްޓަގްރާމަށް ލާނެ މޮޅު ވީޑިއޯއެއް ނެގުމެވެ. އެ ވީޑިއޯ ނިކް ވަނީ އިންސްޓަގްރާމަށް މި މަހުގެ 12 ވަނަ ދުވަހު ޕޯސްޓް ވެސްކޮށްފަ އެވެ.

ނަތީޖާއަކީ އޭނާގެ ޗުއްޓީ ދަތުރު ވެސް ކުރުކޮށްލަން ޖެހުމެވެ. ދަތުރު މަތީގައި ފުރާނަ އަށް ނުރައްކާވާ ވަރުގެ ކަމެއް ކްރޫޒް ލައިނާގައި ކޮށްފައިވާތީ ރޯޔަލް ކެރީބިއަން ޝިޕްސް އިން ވަނީ ދެން ދުވަހަކު ވެސް ނިކް އާއި އޭނާގެ ވީޑިއޯ ނެގުމުގައި ބައިވެރިވި އެކުވެރިންނަށް ކެރީބިއަންގެ އުޅަނދަކުން ފުރުސަތު ނުދޭން ނިންމައިފަ އެވެ.

ނިކް ކްރޫޒް ލައިނާ އިން ފުންމައިލީ ބަހާމާސްގައި އުޅަނދު މަޑުކޮށްގެން އޮއްވަ އެވެ.

މި ހާދިސާގައި އޭނާގެ ކަނދުރާ އާއި ޅިނދުކަށިގަނޑަށް އަނިޔާވެ ފަރުވާ ވެސް ހޯދަން ޖެހުނެވެ. ނިކްއާ ހަވާލާދީ ފޮކްސް ނިއުސް ބުނީ އެހާ މަތިން ކަނޑަށް ފުންމައިލުމުން ފެންގަނޑުގައި ޖެހުނު ގޮތުން ހަށިގަނޑުގައި އެޅި ވޭނުން ތިން ދުވަހު ހިރިނުލެވިފައި އޮންނަން ވެސް ޖެހުނު ކަމަށެވެ.

ސޯޝަލް މީޑިއާގެ އަވާގައި ޖެހިގެން ނިކް އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމުން ވަރަށް ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔައި، ކޮމެންޓްކޮށްފައިވެ އެވެ. އެގޮތުން އޭނާއަކީ "ބޮޑު ގަމާރެއް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.