އޮސްކާ އެވޯޑް ދޭ "ދި އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް"ގެ ސޯޝަލް މީޑިއާ އެކައުންޓުގައި ބޮލީވުޑްގެ މަގުބޫލު ފިލްމު "ޔޭ ޖަވާނީ ހޭ ދީވާނީ"ގެ މަންޒަރެއް ހިއްސާކުރުމާ ގުޅިގެން އިންޑިއާގެ ފޭނުންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.

އަޔާން މުކަރްޖީ އުފައްދައި، 2013 ވަނަ އަހަރު ނެރުނު އެ ފިލްމުގެ ހާއްސަ މަންޒަރެއް އެކެޑަމީގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވަނީ އިއްޔެ އެވެ.

އެ މަންޒަރަކީ ފިލްމުގެ ދެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން (ނައިނާ) އާއި ރަންބީރު ކަޕޫރު (ބަނީ) ދިރިއުޅުމުގެ ކޮންމެ ވަގުތަކީ ވެސް އުފަލާ އެކު އުޅެން ޖެހޭ ވަގުތެއް ކަމާއި، ކޮންމެ ކަމެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި އެ ވަގުތަކު މިންވަރު ކުރެއްވި ގޮތެއް ބައިލަގަތުމާ ގުޅޭ ގޮތުން ވާހަކަދައްކާ މަންޒަރެކެވެ.

އެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ނެޓްފްލިކްސް އިންޑިއާ އިން ބުނެފައި ވަނީ "އަހަރެންގެ ގާތް ދެ ރައްޓެހިން ކަމަށްވާ ބަނީ އާއި ނައިނާ އެކެޑަމީއަށް އެނގުނީ ކިހިނެއް؟" ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ހައުސް "ދަރުމާ މޫވީސް" އިން ވަނީ އެ މަންޒަރަކީ އަބަދުވެސް ހިތާ ކުޅެލާ ކަހަލަ ހާއްސަ މަންޒަރެއް ކަމަށް ބުނެފަ އެވެ.

ފޭނުންގެ ކޮމެންޓުތަކުގެ ތެރޭގައި އެކެޑަމީއަކީ ދީޕިކާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި އެކެޑަމީގެ ސޯޝަލް މީޑިއާ ބަލަހައްޓާ އިންޑިއާގެ އިންޓާން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ ސަމާސާ ކޮށްފައިވެ އެވެ.

ދީޕިކާ ވަނީ 2023 ވަނަ އަހަރުގެ އޮސްކާ އެވޯޑު ހަފްލާގައި "އާރްއާރްއާރް" ފިލްމުގެ "ނާތޫ ނާތޫ" ލަވަ ހުށަހެޅުމުގެ ކުރިން ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ބައިވެރިވެފަ އެވެ. 

ޕިކާ އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ރަންވީރު ސިންގް ވަނީ އެމީހުންގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ ޝާހްރުކް ޚާންއާ އެކު ކުޅޭ "ކިންގް" އެވެ.

ރަންބީރު އެންމެ ފަހުން ކުޅުނު ފިލްމަކީ 2023 ގައި ނުކުތް "އެނިމަލް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި އަންނަ ނޮވެމްބަރު މަހު ނުކުންނަ ނިތޭޝް ތިވާރީގެ "ރާމާޔަނާ" އާއި އަންނަ އަހަރު ގެނެސްދޭ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ"ގެ އިތުރުން "އެނިމަލް ޕާކް" ހިމެނެ އެވެ.