ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ 2018 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ޖަހާފައިވާ ސްޓިކާތަކުގެ ތެރެއިން، ދައުލަތަށް ނުލިބި ހުރި ފައިސާ މާފުކޮށްދޭން ނިންމީ އެކި ސަބަބުތަކަށް ރިއާޔަޔްކުރުމަށްފަހު ކަމަށެވެ.
އޭގެ ތެރޭގައި؛
- މާލޭގައި އެކަށީގެންވާ ޕާކިން ޒޯނުތައް ނެތި ސްޓިކާ ޖަހާތީ ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ
- ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާކުރާ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ދިއުމުގެ ޝަކުވާ
- ކޮވިޑުގެ ސަބަބުން މާލީ ގޮތުން އާއްމުންގެ ދިރިއުޅުމަށް އައި ބަދަލުތަކާ އެކު މި ފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުން ދިއުން
"މިކަން މިގޮތަށް ހިނގަމުންދާކަން އެ މަނިކުފާނަށާއި ސަރުކާރަށް ވެސް ގަބޫލުފުޅުކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެ މަނިކުފާނު ނިންމެވީ." މިއުވާން ވިދާޅުވި އެވެ.
ޕާކިން ސްޓިކާގެ އިތުރުން ޓްރެފިކްގެ އެހެން ގަވައިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ސަރުކާރުން ލުއި ގޮތްތަކެއް ހަމަޖައްސާފައިވެ އެވެ. އޭގައި، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުން އެ ޖޫރިމަނާތަކަށް މައާފް ދިނުން ހިމެނެ އެވެ.
މިއުވާން ވިދާޅުވީ ލައިސެންސް އޮތް މީހަކު ސައިކަލު ދުއްވިއިރު އަތުގައި ލައިސެންސް ނެތި ދުއްވުމާއި ލައިސެންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައި ވަނިކޮށް ނުވަތަ ހަލާކުވެފައި ވަނިކޮށް ދުއްވައިގެން ޖޫރިމަނާކޮށްފައިވާނަމަ އެ ޓްރެއިނިންގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެ އުޅަނދެއް ދުއްވުމުގެ ލައިސެންސް ނެތި ދުއްވައިގެން ޖޫރިމަނާކޮށްފިނަމަ، އެ މައާފްވާނީ ޓްރެއިނިން ހަދައިގެން ކަމަށެވެ.
އެ ޓްރެއިނިން ހިންގަން ހަމަޖައްސާފައިވަނީ ފުލުހުންގެ އިދާރާއިންނެވެ. ދެ ހަފުތާ އާއި އެއް މަސް ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށް ޓްރެއިނިން ހިންގުމުގެ ބޭނުމަކީ، މިއުވާން ވިދާޅުވި ގޮތުގައި، ޓްރެފިކް ގަަވައިދާ ހިލާފުވާ މީހުން އެފަދަ ކަންކަން ތަކުރާރުކުރާ މިންވަރު މަދުކުރުމެވެ.
އޭގެ ސަބަބުން ޓްރެފިކް ގަވައިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.