ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން އަދި ޓްރެފިކް ގަވާއިދާ ޚިލާފްވެގެން ކުރާ ޖޫރިމަނާތައް ނުދެއްކޭ ނަމަ މުޖްތަމައުއަށް ޚިދުމަތް ކުރުވަން ލާޒިމްވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިމަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގަވާއިދާ ޚިލާފަށް ޕާކް ކުރުމާއި އެ ގާނޫނާ ޚިލާފްވެގެން ކުރާ އެ ނޫން ޖޫރިމނާތައް ހޯދަން ކޯޓަށް ދިއުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމުގެ އިތުރަށް ޖޫރިމަނާގެ އަދަދު 10،000ރ. އަށް ބޮޑުވާ ނަމަ، ފައިސާގެ ބަދަލުގައި މުޖްތަމައަށް ވަކި ބާވަތެއްގެ ޚިދުމަތެއް ކުރަން އެ މީހަކަށް ލާޒިމް ކުރުވޭ ގޮތަށެވެ. އެކަމާ ބެހޭ އުސޫލުތައް ގަވާއިދެއްގައި ބަޔާން ކުރަން ވެސް ބިލް ލާޒިމްކުރި އެވެ.

އެ ބިލް ރައީިސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމުން އެ އިސްލާހު ގާނޫނުގެ ބަޔަކަށް ވިޔަސް، އެ ބަޔަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ.

އެ އިސްލާހުގެ ދަށުން ޖޫރިމަނާއާ މެދު ޝަކުވާ ހުށަހެޅޭ ނިޒާމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި ގާއިމް ކުރަންޖެހޭނެ އެވެ. އެ ނިޒާމުގެ ދަށުން، ޖޫރިމަނާތައް ރިވިއު ކުރުމާއި ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެ އެވެ.

މީގެ އިތުރުން ނުރައްކާތެެރި ދުއްވުމާއި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ މީހުންނާ މެދު އެޅޭ ފިޔަވަޅުތައް ހަރުކަށިކޮށް، ޖޫރިމަނާގެ އަދަދު ބޮޑު ކުރުމާއި ލައިސަންސް ހިިފެހެއްޓޭ މުއްދަތު އިތުރު ކުރުން ވެސް އެ އިސްލާހުގައި ހިިމެނެ އެވެ. އެކަމަކު ޕާކިން ޖޫރިމަނާ ބޮޑު ކޮށްފައެއް ނުވެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ވިޔަފާރީގެ ވާދަވެރިކަން އުފައްދައި، ދެމެހެއްޓުމުގެ ގާނޫނާއި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލް ވެސް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.