އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލަން ދެ ގައުމުން ދައްކާ ވާހަކައިގައި ކުރިއެރުމެއް ނުލިބި ހޮރްމޫޒް ކަނޑުއޮޅީގައި އެ ދެ ގައުމުން ދޭ ހަމަލާތައް އަނެއްކާވެސް އިތުރުވެއްޖެ އެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މިދިޔަ ހޮނިހިރު ދުވަހު ބުނީ އެ ގައުމުން ހުއްދަ ނުދޭ މަގަކުން ދަތުރުކުރި ބޮޑު ތެޔޮޓޭންކަރެއް (ސުޕަ ޓޭންކަރެއް) މައިނެއްގައި ޖެހި އެެ އުޅަނދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަަމަށެވެ. އެކަމަކު، އެއީ ކޮން ގައުމެއްގެ ކޮން ނަމެއް ކިޔާ އުޅަނދެއް ކަން އެ އިރާނުން ހާމައެއް ނުކުރެ އެވެ.

އެ އުޅަނދު ދަތުުރުކުރީ ނެވިގޭޝަން ސިސްޓަމް ނިއްވާލައިގެން ކަމަށާއި އެ ގޮތަށް ކަންތައް ކުރާ އެހެން އުޅަނދުތަަކަށް ވެސް އެފަަދަ ކަންތައްތައް ކުރިަމތިވާނެ ކަމަށް ބުނެ އިރާނުން އިންޒާރު ވެސް ދިނެވެ. 

ވަކި ގައުމެއްގެ މިލްކުވެރިކަން ނޯންނަ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅައެއްބައި ދަތުރުކުރާ މަގެވެ. އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް މީގެ ހަތްމަސް ދުވަސް ކުރިން ހަނގުރާމަ ފެށުމާ އެކު، އިރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ނަމުގައި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭން ފަށައިފަ އެވެ.

އިރާނުގެ ސިފައިންގެ އިސް އޮފިޝަލަކު އެ ގައުމުގެ ގައުމީ ޓީވީއަށް އިއްޔެ ވިދާޅުވީ ދިފާއުގައި ހަމަލާދިނުމަށާއި އިސްވެ ހަމަލާދޭން ވެސް އެ ގައުމުގެ ސިފައިން ތައްޔާރަށް ތިބި ކަމަށެވެ. 

"ދުޝަމަނުންގެ އުޅަނދުތަކަށް އަހަރެމެން ހަމަލާތަކެއް ދީފިން. އިރާނަށް އެހެން ކަމެއް [އެހެން ހަމަލާއެއް] ކުރިމަތިވެއްޖެ ނަމަ އަހަރެމެން އަނެއްކާ ވެސް ހަމަލާދޭނަން،" އިރާނު ސިފައިންގެ ޗީފްއޮފް ސްޓާފް އަދި ޖޮއިންޓް ކޯޑިނޭޓާ ހަބީބުﷲ ސައްޔާރީ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ ހޮރްމޫޒްކަނޑުއޮޅި އާއި ގަލްފް އޮފް އޮމާނުން ދަތުރުކުރި ގިނަ އުޅަނދުތަަކަކަށް ހަމަލާ އާއި އިންޒާރު އަމާޒުވެފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފައި ވަނިކޮށެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި އުޅަނދުތަކަށް ހަމަލާ އާއި އިންޒާރު އަމާޒުވީ ޔުނައިޓެޑް އަރަބްއެމިރޭޓްސް (ޔޫއޭއީ)ގެ ރައުސުލް ޚައިމާ ނަމަަކަށް ކިޔާ ސަރަހައްދު ފެންނަ ހިސާބުން ދަތުރުކުރަނިކޮށެވެ. 

ހުރްމޫޒްކަނޑުއޮޅިން ނުކުންނަން ދަތުރުކުރި ޓޭންކަރަކަށް ހަމަލާއެއް އަރާފައިވާ ކަމަށް ވެސް ޔޫކޭއެމްޓީއޯ އިން އިއްޔެ ރިޕޯޓްކުރި އެވެ. 

ޔޫއޭއީގެ އައްސޭރިފަށުން ދަތުރުކުރި ޓޭންކަރެއްގައި އަލިފާން ރޯވުމުން، އޭގައި ތިބި 22 ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށް އެ ގައުމުން ވެސް އިއްޔެ ބުންޏެވެ. އަލިފާން ރޯވީ ކޮން ގައުމެއްގެ ޓޭންކަރެއްގައި ކަން ޔޫއޭއީން ހާމައެއް ނުކުރެ އެވެ.

ހުރްމުޒްކަނޑުއޮޅީގެ ތެރެއިން ލާފައި އިރާނަށް ދަތުރުކުރަމުން ދިޔަ އުޅަނދަކަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ހަަމަލާ ދޭ މަންޒަރު އެމެރިކާއިން ވެސް އިއްޔެ އާއްމުކުރި އެެވެ. 

ހޮރްމޫޒްކަނޑުއޮޅީގައި އިރާނަށް ހުރަސްއަޅަން މިދިޔަ ޖުލައިމަހު އެމެރިކާއިން ފެށި ފަހުން މިހާތަނަށް، އިރާނާ ގުޅުން ހުރި ކޮމާޝަލް ހަތަރު އުޅަނދެއް ހުއްޓުވައި، 135 އާގުބޯޓަކާއި 10 ޓޭންކަރު ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުންޏެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުން ހުރްމޫޒްކަނޑުއޮޅި ބަންދުކުރި ފަހުން އެ ކަނޑުއޮޅި ހުރަސްކޮށް، އިރާނުން އެއް ގޮތަކަށް ވެސް ތެޔޮ ބޭރުކޮށްފައެއް ނުވެ އެވެ.