ޓެކްސަސް (މާޗް 31) - ކުށެއްކޮށްފައި އަދަބުން ސަލާމަތް ނުވެ ހުރި އެމެރިކާގެ ޓެކްސަސްގެ ރައްޔިތަކު 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވާކަން ސާބިތުވުމާ އެކު އޭނާ ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އުމުރުން 43 އަހަރުގެ ކްރިސްޓަލް މޭސަން ވަނީ ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި 2011 ވަނަ އަހަރު ކުށްވެރިވެފަ އެވެ. އިންތިޚާބުގައި އޭނާ ވޯޓުލީ އިރު ހުރީ ޕްރޮބޭޝަނެއްގެ ދަށުން ދޫކޮށްލައިފަ އެވެ. ނަމަވެސް ކުށެއްގެ އަދަބުން ސަލާމަތް ނުވެ ހުރުމުން ވޯޓުލުމުގެ ހައްގު ގެއްލޭކަން އެނގިފައި ނުވާކަން މޭސަން އަށް ފަނޑިޔާރަށް ސާބިތު ކޮށެއް ނުދެވުނެވެ. ކުށުގެ އަދަބުގައި ތިބުމުން، 2016 ވަނަ އަހަރުގެ އިންތިޚާބުގައި ހަ މިލިއަން މީހުން ވޯޓުލުމުން މަހްރޫމްވި ކަމަށްވެ އެވެ.
ޓެކްސްގައި ކުށެއް ސާބިތުވެފައިވާ މީހަކަށް ވޯޓުލެވޭނީ ޕްރޮބޭޝަނުގެ މުއްދަތާ އެކު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ. އޮޅުވާލައިގެން އެމެރިކާގައި ވޯޓުލުމަކީ 20 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ބޮޑު ކުށެކެވެ.
މޭސަންގެ ވަކީލް ކޯޓުގައި ބުނީ ވޯޓު ނުލެވޭނެކަން މޭސަން އަށް އަންގާފައި ނުވާ ކަމަށާއި އޭނާ ވޯޓުލީ ރަނގަޅު ނިޔަތުގައި ކަމަށެވެ. މޭސަންގެ ދިފާއީ ޓީމުން މިހާރު ވަނީ މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.
ހުކުމަށް ފަހު މޭސަން ބުނީ އިންތިޚާބުގައި ވޯޓުލާން އޭނާ ބޭނުން ވެސް ނުވި ކަމަށާއި އެކަމަކު ވޯޓުލާން ދިޔައީ މަންމަ އާދޭސް ކުރި ވަރުން ކަމަށެވެ.
މީގެ ކުރިން ވެސް ޓެކްސަސްގައި ވަނީ އޮޅުވާލައިގެން ވޯޓުލައިގެން އަދަބު ދީފަ އެވެ. ގްރީން ކާޑު އޮތް އުމުރުން 37 އަހަރުގެ މީހަކު ވަނީ 2012 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓު ދީގެން އަށް އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ ޑިޕޯޓްކޮށްލާނެ އެވެ.