ނިއު ޔޯކް (ޑިސެމްބަރު 7) - މިހާރު ފުދިއްޖެ ކަމަށް ބުނެ، މި މަހު 19 ވަނަ ދުވަހު އޮންނަ އިލެކްޓޯރަލް ކޮލެޖް އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ޓެކްސަސްގެ އިލެކްޓަރަކު ފާޅުގައި ބުނެފި އެވެ.
ސެޕްޓެމްބަރު 11 ގައި ދިން ހަމަލާގައި ފަޔާފައިޓަރެއްގެ ގޮތުން މަސައްކަތް ކުރި ކްރިސްޓޮފާ ސުޕްރުން، ނިއު ޔޯކް ޓައިމްސް އަށް ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ އޭނާ އަކީ ރިޕަބްލިކަން އިލެކްޓަރެއް ނަމަވެސް ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށެވެ.
"މީގެ 15 އަހަރު ކުރިން ވެސް އަޅުގަނޑު ވާނީ ގައުމާއި ގާނޫނު އަސާސީ ދިފާއު ކުރަން ހުވާކޮށްފައި. ޑިސެމްބަރު 19 ގައި އަޅުގަނޑު އަނެއްކާ ވެސް އެ ހުވާ ތަކުރާރު ކުރާނަން،" ސުޕްރުން ލިޔެފައިވެ އެވެ.
އިލެކްޓޯރަލް ކޮލެޖް ޕްރޮސެސްގައި އެމެރިކާގެ ކޮންމެ ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ އިން ޖުމްލަ 538 އިލެކްޓާސް އިން ވޯޓު ދޭނެ އެވެ. ޓްރަމްޕަށް މިހާރު ވަނީ 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންފައި ވަނީ 232 އިލެކްޓޯރަލް ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުވުމަށްޓަކައި ސުޕްރުންއާ އެކު ޓްރަމްޕުގެ 36 އިލެކްޓަރުން އޭނާއާ ދެކޮޅަށް ވޯޓު ދޭން ޖެހެ އެވެ.
އެމެރިކާގެ ރައީސް އޮވާ އުސޫލު އޮންނަ ގޮތުން އާއްމު ރައްޔިތުންގެ ގިނަ ވޯޓު ލިބޭ މީހާގެ ބަދަލުގައި ވެރިކަމަށް އަންނާނީ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރާ ކެންޑިޑޭޓެކެވެ. މި ފަހަރުގެ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީ ކްލިންޓަން ދެ މިލިއަނަށް ވުރެ ގިނަ ވޯޓު ހޯއްދެވި ނަމަވެސް ސްޓޭޓްތަކުގެ އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދެވީ ޓްރަމްޕެވެ. ވެރިކަމަށް އަންނަ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ. ރިޔާސީ އިންތިޚާބުގައި ކޮންމެ ސްޓޭޓަކުން ވެސް އިލެކްޓާސް ހޮވާނެ އެވެ. ސްޓޭޓުގެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް އެ ސްޓޭޓެއްގެ އިލެކްޓާސް ވޯޓު ލިބެ އެވެ. އިލެކްޓާސް އަކީ ޕާޓީ އަށް ވަރަށް ބޮޑަށް ވަފާތެރި ބަޔަކަށް ވުމާ އެކު އެ މީހުންގެ ވޯޓު ބަދަލުވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ސުޕްރުންގެ ލިޔުން ނިންމާލަމުން އޭނާ ވަނީ ރިޕަބްލިކަން އެހެން އިލެކްޓަރުންނަށް ވެސް ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އަދި އޮހާޔޯގެ ގަވަރުނަރު ޖޯން ކަސިކް ފަދަ ބޭފުޅަކަށް ވޯޓު ދިނުމަށް އޭނާ ވަނީ އެދިފަ އެވެ. ނަމަވެސް ކަސިކް ނެރުނު ލިޔުމެއްގައި ވަނީ އޭނާ އަކީ ރިޔާސީ ކެންޑިޑޭޓެއް ނޫން ކަމަށާއި އޭނާ އަށް ވޯޓު ނުދެވޭނެ ކަމަށް ބުނެފަ އެވެ.
ސުޕްރުން ބުނެފައި ވަނީ އެމެރިކާގެ ވެރިކަމަށް އެކަށީގެން ނުވާކަން ޓްރަމްޕް ސާބިތުކޮށްދީފައިވާ ކަމަށެވެ. މި ގޮތުން ހިލަރީ ކްލިންޓަންގެ އީމެއިލް ރަޝިޔާ އިން ހެކް ކުރުމަށް ގޮވާލުން ފަދަ ކަންކަމަކީ ރައީސް ކަމަށް ޓްރަމްޕް ކޮލިފައި ނުވުން ކަމަށެވެ.