ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ސަތޭކަ ނުވަދިހަ ތިން ގައުމު ހިމެނޭ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސް ބައްދަލުކުރެއްވީ، އދ. ގައި މިހާރު ކުރިއަށްދާ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވެވި ބައްދަލުވުގަ އެވެ. މިއީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އދ. ގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި އދ. ގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އަދި މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.
ރައީސް ވިިދާޅުވީ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އދ. ގައި އެންޓޯނިއޯ ގުޓަރޭޒް ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާއި ގައުމުތަކުގެ އާއްމު ހާލަތާއި ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން އޭނާ ކުރައްވަމުން އަންނަނީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންޓޯނިއޯ ގުޓަރޭޒް ވަނީ ރައީސް ފާހަގަކުރެއްވި ކަންތައްތަކަށް ތާއިދުކުރައްވައި ރާއްޖެ އަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ. ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.