ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާ މިރޭ މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން ސަލާމަތްވުމަށް އެންޓޯނިއޯ ކުރައްވަމުން އަންނަ މަސައްކަތް ބަލައިގަނެ ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތަފްސީލުތައް ހިއްސާކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އދ. އަށް މި ދަނޑިވަޅުގައި ރާއްޖެއަށާއި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިއުލާނުކުރުމުގެ ކުރިން އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބޯޑަ ކޮންޓްރޯލް ހަރުކަށިކުރުމާއި ސްކްރީނިން އާއި ކަރަންޓީން ހަރުދަނާކުރުން ހިމެނޭކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި އާއްމުންގެ ތެރޭގައި އެ ބަލި ފެތުރުން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކޮންޓްރޯލް ކުރެވިފައި އޮތްކަން ފާހަގަކުރެއްވި އެވެ.

އެ ހާލަތު ބަދަލުވެ، މާލެއިން ކޮވިޑް-19 ބަލީގެ ތިން މީހަކު ފެނިފައިވިއަސް ސަރުކާރުން އަދި ވެސް އިސްކަން ދެމުން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އިގުތިސޯދަށް އައިސްފައިވާ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން މި ފަހުން ލޯންޗުކުރި "ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް" އަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ އެ ޖަމިއްޔާގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.