އެއްވެސް ކަހަލަ ތެލެއް ނުވަތަ އެފަދަ އެއްވެސް ބާވަތެއް ބޭނުން ނުކޮށް، ކުރާ ތައި މަސާޖް ޔުނެސްކޯގެ ސަގާފީ ތަރިކައިގެ ލިސްޓްގައި ހިމަނައިފި އެވެ.
ތައިލެންޑް ޒަމާންވީ މަޝްހޫރު "ނުއާޑް މަސާޖް" ހެރިޓޭގް ލިސްޓްގައި ހިމަނާފައި ވަނީ ޔުނެސްކޯގެ "އިންޓެންޖިބަލް ކަލްޗްރަލް ހެރިޓޭޖުް އޮފް ހިއުމެނިޓީ" ގަ އެވެ.
ޔުނެސްކޯ އިން ބުނިގޮތުގައި ތައި މަސާޖަކީ އެ ގައުމުގެ ސިއްހީ ކަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި އެތައް ގޮތަކުން ފައިދާކުރާ މަސާޖެކެވެ. މިއީ ހުނަވެރިކަމާއި ސައިންސާއި ސަގާފަތާއި އާދަކާދައިގެ ވައްޓަފާޅީގެ ވަރަށް މުހިއްމު ބައެއް ކަމަށް ވެސް ޔުނެސްކޯ އިން ބުންޏެވެ.
ތައިލެންޑަކީ މުޅި ދުނިޔޭގެ ވެސް މަސާޖަށް މަޝްހޫރު އަދި އެ ގައުމުގެ މަސާޖްކުރާ ޕްރޮފެޝަނަލް ގިނަ މީހުން ދުނިޔޭގެ އެކި ހިސާބުތުގައި މަސައްކަތްކުރަމުން އަންނަ ގައުމެކެވެ.
ޔުނެސްކޯގެ ހެރިޓޭޖް ލިސްޓަކީ މައިގަނޑު ތިން ކެޓަގަރީއަކުން 55 އައިޓަމަކަށް ބަހާލައިގެން ކުރިއަށް ގެންދާ ލިސްޓެކެވެ. އެ ލިސްޓްގައި މިހާރު ވެސް ދުނިޔޭގެ 127 ގައުމެއް ހިމެނެ އެވެ.