ފްރާންސްގެ ގަދީމީ ބޭކަރީގެ ބާވަތެއް ކަމަށްވާ ބިގޭޓަށް ޔުނެސްކޯގެ ތަރިކައިގެ ދަރަޖަ ހޯދަން ހުށަހަޅައިފި އެވެެ.

ފްރާންސުން ބުނި ގޮތުގައި އިންޓޭންޖިބަލް ކަލްޗްރަލް ހެރިޓޭޖް ލިސްޓްގައި ބިގޭޓް ހިމަނައިދޭން ހުށަހެޅީ އެ ތައްޔާރުކުރުމާއި އޭގެ ވިޔަފާރީ އަކީ އެ ގައުމުގެ ތާރީހާއި އާދަކާދަ އާއި ކެއުމުގެ ވައްޓަފާޅިއާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށް ވާތީ އެ މަސައްކަތްތައް އިތުރަށް ދިރުވައި އާލާކުރަން ހިތްވަރު ހޯދުމުގެ ގޮތުންނެވެ. ބިގޭޓަކީ ދިގުކޮށް ފިހެފައި އޮންނަ ޕާން/ބަނަހެއް ކަހަލަ އެއްޗެކެވެ.

ފްރާންސުން ބުނީ ޔުނެސްކޯގެ ހެރިޓޭޖް ލިސްޓްގައި ބިގޭޓް ހިމެނިއްޖެ ނަމަ އެއީ އޭގެ ޒަމާންވީ މަސައްކަތްތަކަށް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ދަމަހައްޓައި އެކަމުގެ ފަންނުވެރިކަމާއި މައުލޫމާތު ވެސް ރައްކާކޮށް ހިމާޔަތްކުރަން ލިބޭނެ ހިތްވަރަކަށް ވާނެ އެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވެސް ވިދާޅުވެފައިވާ ގޮތުގައި ބިގޭޓަކީ ފްރާންސާ ވަކިވުމެއް ނެތް އެ ގައުމުގެ އާންމު ދިރިއުޅުމުގެ ވެސް ވަރަށް މުހިއްމު ބައެކެވެ. އެހެންވެ އެއީ ހާއްސަ މަގާމެއް ދުނިޔޭގެ ފެންވަރުގައި ލިބެން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

ފްރާންސްގެ ނިންމުމަށް މަރުހަބާ ކިޔައި އެ ގައުމުގެ ނެޝަނަލް ކޮންފެޑެރޭޝަން އޮފް ބޭކިން އެންޑް ޕޭސްޓްރީގެ ހެޑް ޑޮމިނިކް އެންޓްރެކްޓް ވިދާޅުވީ ބިގޭޓަކީ ފްރާންސް ރަމްޒުކޮށް ވަރަށް އަގުހުރި އެއްޗެއް ކަމަށެވެ.

"އައިފުލް ޓަވަރު ގޮތަށް ފްރާންސްގެ ރަމްޒުކޮށްދޭ އެއްޗެއް ބިގޭޓަކީ. އެހެންވީމަ އެއަށް ހާއްސަ ދަރަޖައެއް ލިބިފައި އޮތުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "ބިގޭޓް ބޭކަރީގެ މަސައްކަތް ދިރުވައި އާލާކުރަން ކުރަން ޖެހުނު ކޮންމެ ކަމެއްކުރަން ތައްޔާރަށް އަހަރެމެން މި ތިބީ."

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސްގައި ދުވާލެއްގެ 10 ބިލިއަން ބިގޭޓް ކަ އެވެ. ނަމަވެސް ޕްލެނެޓެސްކޯޕްގެ ޑޭޓާތަކުން ދައްކާގޮތުގައި 1970 ގެ ފަހުން ބިގޭޓް ފިހާ 20،000 ބޭކަރީ ބަންދުކޮށްފައިވެ އެވެ. އޭގެ ފަހުން ބިގޭޓް ފިހަން ކުރިން ބޭނުންކުރި އިހުގެ ފާޑުވެރިކަން ގެއްލި، އެ މަސައްކަތް މިހާރު ކުރެވެނީ ޒަމާނާ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ޔުނެސްކޯގެ ހެރިޓޭޖް ލިސްޓްގައި ފްރާންސްގެ ބިގޭޓް ހިމަނާނެތޯ ނޫންތޯ ޔުނެސްކާ އިން ކަށަވަރުކޮށް ދޭނީ އަންނަ އަހަރު އެވެ.