ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލާން ކުޑަތަން ވެފައި ވާއިރު އެ ކުލަތައް ނުފެންނަ ރަށެއް ރާއްޖޭގައި އޮންނާނެ ކަމަކަށް މިހާރު ގަބޫލެއް ނުކުރެވޭނެ އެވެ. ރިޔާސީ އިންތިހާބަށް ނުކުންނެވި ކެންޑިޑޭޓުންގެ ފޮޓޯތަކާއި ދިދަތަކާއި ބެނާތަކުން ރަށްރަށް ފުރިފައި އޮތަސް އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެ ވަނަ ބުރުގެ ވޯޓާ ހިސާބަށް ދިޔައިރު ވެސް އެ އިން އެއްވެސް ކަމެއް ހއ. އުލިގަމަކު ނެތެވެ.

އާބާދީ 500 އިން މަތީގައި އުޅޭ އުލިގަމުގައި މި އިންތިހާބުގެ ކެމްޕެއިނާ ގުޅޭ ގޮތުން ހަރުކޮށްފައިވާ ފޮޓޯއެއް، ބެނާއެއް، ދިދައެއް އަދި އެންމެ ކުޑަމިނުން ތައްކޮށްލި ސްޓިކާއެއް ވެސް ނެތެވެ.

ހއ. އުލިގަމު ބަނދަރު ސަރަހައްދުގައި މީހުންތަކެއް އިށީންދެލައިގެން؛-- ފޮޓޯ: ކައުންސިލް
ހއ. އުލިގަމު ބަނދަރު ސަރަހައްދުގައި މީހުންތަކެއް އިށީންދެލައިގެން؛-- ފޮޓޯ: ކައުންސިލް

އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދު ވިދާޅުވީ ހުރިހާ އިންތިހާބެއްގައި ވެސް ކެމްޕެއިންގެ ކަންކަން ރަށުގައި ވެސް އޮންނަ ކަމަށާއި އެކަމަކު މި ފަހަރު ސިޔާސީ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ރަށުގެ އެއްވެސް ތާކު ނެތް ކެމްޕެއިން ބެނާއެއް ވެސް ސިޔާސީ ޕާޓީއެއްގެ ދިދައެއް ވެސް ހަރުކޮށްލާފައެއް. އިންތިހާބެއް ކުރިއަށް ދާހެން މި ރަށަށް ހީވެސް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އުލިގަމު ބަނދަރު ސަރަހައްދު..-- ފޮޓޯ: ކައުންސިލް
އުލިގަމު ބަނދަރު ސަރަހައްދު..-- ފޮޓޯ: ކައުންސިލް

މުއާޒް ވިދާޅުވީ އެކަން އެހެންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ސިޔާސީ ކަންކަމުގައި އުޅެން ރަށުގެ މީހުން ބޭނުން ނުވަނީ ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން މަނައެއް ނުކުރަން އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ކުރާކަށް. ބޮޑަށް ހީވަނީ މިއީ އާބާދީ ކުޑަ ރަށެއް ވީމާ މިހާރު ދެން އާއިލާތަކުގެ މަސްލަހަތަށް ބަލާފައި އެ ކަހަލަ ކަންކަން ނުކުރަނީހެން. ފުރަތަމަ ބުރު ނިމި ދެވަނަ ބުރު މިހާރު މި ނިމެނީ، ރަށުގެ އެއްވެސްތާކު ނެތް ޕޯސްޓަރެއް ވެސް ހަރުކޮށްފައެއް،" އޭނާ ވިދާޅުވި އެވެ.

އުލިގަމުގެ މަގެއް.-- ފޮޓޯ: ކައުންސިލް
އުލިގަމުގެ މަގެއް.-- ފޮޓޯ: ކައުންސިލް

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝާފިއު ވިދާޅުވީ އެއީ އެއްވެސް އިރެއްގައި ސިޔާސީ ކަންކަމަށް އެހާ ފޯރި ހުންނަ މީހުން އުޅޭ ރަށެއް ނޫން ކަމަށެވެ. އެއީ އެ ކަހަލަ ކަންކަން ނުކުރާ ސަބަބެއް ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުލިގަމު މަގެއް.-.-- ފޮޓޯ: ކައުންސިލް
އުލިގަމު މަގެއް.-.-- ފޮޓޯ: ކައުންސިލް

ރަށުގައި ކެމްޕެއިނަށް ދިދަ ދެމުން ކަހަލަ ކަންކަން ނުކުރިޔަސް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ކަންކަން ކުރިއަށް ދެ އެވެ. އެ ރަށުގެ ކެމްޕެއިން ކަންކަމުގައި އުޅޭ މީހަކު ބުނީ ސިޔާސީ ޕާޓީތަކުން ވެސް އެކަމާ އެހާ ބޮޑަށް ނޫޅޭތީ ފޯރިއެއް ނެތީ ކަމަށެވެ.

އޭނާ ބުނީ މިއީ ރަނގަޅު މެސެޖެއް ކަމަށެވެ.

"ވަރަށް ހިތްހަމަ ޖެހޭ ރަށުގައި އެ ކަހަލަ ކަމެއް ނެތީމާ. ސިޔާސީ ކަންކަމުގެ ސަބަބުން އާއިލާތަކުގެ ގުޅުން ކެނޑި އެ ކަހަލަ ކަންކަން ވެސް ވުން ވަރަށް ދުރު. އެ ހުރިހާ ކަމެއް ނުކޮށް ވެސް އިންތިހާބުގައި ވޯޓު ލެވިދާނެކަން އެ އެނގެނީ،" އޭނާ ބުންޏެވެ.

އުލިގަމު-- ފޮޓޯ: ކައުންސިލް
އުލިގަމު-- ފޮޓޯ: ކައުންސިލް

އިންތިހާބުގެ ފުރަތަމަ ބުރު މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިންގައި އުލިގަމަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގެ މީޑިއާ ޓީމުގައި ހިމެނިގެން އެ ރަށަށް ދިޔައިރު އެ ދުވަހު ޖަލްސާ އަށް ބަނދަރުމަތި ތައްޔާރުކޮށް، އެމްޑީޕީގެ ދިދަތައް ޖަހާފައި ހުއްޓެވެ.

އެ ރަށުގެ މީހަކު ބުނީ ރައީސްގެ އެ ދަތުރުފުޅަށް ދެމި ދިދަތަކާއި ބެނާތައް ވެސް އިވެންޓް ނިމުމާ އެކު ހަމަ އެ ދުވަހުން ދުވަހަށް ނަގައި ސާފުކޮށްލި ކަމަށެވެ. އޭނާ ބުނީ ރައީސްގެ ފަހުން އެހެން ކެންޑިޑޭޓަކު ވަޑައިގެން އުލިގަމުގައި ކެމްޕެއިން ނުކުރައްވާ ކަމަށެވެ.

އުލިގަމުގެ މަގެއް.--- ފޮޓޯ: ކައުންސިލް
އުލިގަމުގެ މަގެއް.--- ފޮޓޯ: ކައުންސިލް

އާބާދީ ކުޑަ އުލިގަމުގައި ހުރި ފޮއްޓަށް މި ބުރުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވަނީ ވެސް 280 މީހެކެވެ.

ފުރަތަމަ ބުރުގައި އެ ރަށުން އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ދެ ވަނަ ބުރުގައި ވާނެ ގޮތެއް އަދި ބުނަން ނޭނގޭ ކަމަށާއި ސިޔާސީ ވާހަކަ އެހާ ބޮޑަށް ނުދެކެވޭ ކަމަށެވެ.