ހއ. އުލިގަމުގެ ބޭރުގައި ބަނދަރުކުރާ ޔޮޓްތަކަށް އުލިގަމު ބަނދަރުތެރެއަށް ވަދެވޭ ގޮތަށް ބޮޑުކޮށް ތަރައްގީ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޔޮޓު ފަހަރު ކައިރި ކުރެވޭނެ ގޮތަށް އެ ރަށު ބަނދަރު ބޮޑުކޮށްދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ.

"އުލިގަމަކީ ޔޮޓުފަހަރު އެންމެ ގިނައިން އަންނަ ރަށް ކަމަށް ވާތީ މި ރަށުގެ ބަނދަރު ހެދިގެން ދާއިރު އޭގެ ތެރޭގައި ޔޮޓު ފަހަރު ވެސް ކައިރިކުރެވޭނެ ރަނގަޅު ނިޒާމަކާއެކު ތަރައްގީ ކުރާނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އުލިގަމަކީ ޓޫރިޒަމަށް ވެސް ފައްކާ ވެފައި އޮތް ރަށެއް ކަމަށާއި ޔޮޓުތަކުން އަންނަ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ބަނދަރު ތަރައްގީ ކުރައްވާނެ ކަމަށެވެ.

އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ އިއްޔެ އެވެ. އެއް އަހަރާއި ހަ މަހުން ނިންމަން އެ މަޝްރޫއު ހަވާލު ކުރީ 79.8 މިލިއަން ރުފިޔާ އަށެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދު ހުރަސްކޮށް ސްރީ ލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑް ސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރުކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަމު އޮންނަނީ މަޝްހޫރުވެފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން އޭޕްރީލް އަށް ގިނަ އަދަދެއްގެ ޔޮޓް މި މަގުން ދަތުރުކުރެ އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަކަށް 70 އަށްވުރެ ގިނަ ޔޮޓު އެ ރަށުގައި ބަނދަރު ކޮށްފައިވެ އެވެ.