އެމެރިކާ އާއި އިނގިރޭސި ވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭ ޗާގޯސް އަތޮޅުގެ ރަށްތަކުގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ދޫކޮށްލައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް ނިންމައި އެކަން މަޑުޖައްސާލައިފި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައީ މި އެއްބަސްވުމައިގެން ކުރިއަށްދާނީ އެމެރިކާގެ ތާއީދު އޮވެގެން ކަމަށް،" އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ ކަނޑުގެ މި ޖަޒީރާތައް މޮރިޝަސްއަށް އަނބުރާ ދިނުމަށް ބޭނުންވާ ގާނޫނީ މަރުހަލާތައް ނިންމުމަށް ޕާލަމެންޓަށް ހުށަހަޅާފައިވާ ކަންކަމަށް ކަނޑައެޅި ވަގުތު ވެސް މިހާރު ވަނީ ގާތްގަނޑަކަށް ހަމަވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ ޖެނުއަރީ މަހު ވަނީ މޮރިޝަސްއަށް ޗާގޯސް ދޭން އެއްބަސްވުމަކީ އިނގިރޭސި ވިލާތުގެ "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މިދިޔަ މެއި މަހު ހެދި ޗާގޯސް އެއްބަސްވުމުގެ ދަށުން، މޮރިޝަސްއާ ގާތްގަނޑަކަށް 2,000 ކިލޯމީޓަރު (1,200 މޭލު) އިރުއުތުރުގައި އޮންނަ މި ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރަން އޮތީ ނިންމައިފަ އެވެ. އަދި އެތަނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ފޯޅަވަހީގައި ހުންނަ އަސްކަރީ މަރުކަޒު، އެއް ގަރުނުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ.
"ފޯޅަވަހީގެ އަސްކަރީ މަރުކަޒަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް ވަރަށް މުހިންމު ތަނެއް. އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ދިގު މުއްދަތަކަށް ކަށަވަރު ކުރުމަކީ އަޅުގަނޑުމެން އަބަދުވެސް އިސްކަން ދޭނެ ކަމެއް – މިއީ މި އެއްބަސްވުން ހެދުމުގެ މައިގަނޑު ބޭނުމަކީ ވެސް،" ޑައުނިންގް ސްޓްރީޓްގެ ތަރުޖަމާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ އެމެރިކާ އާއި މޮރިޝަސްއާ އެކު މަޝްވަރާތައް ކުރަމުން."
ޓްރަމްޕް ކުރިން މި އެއްބަސްވުމަށް ތާއީދުކުރެއްވި ނަމަވެސް، ޖެނުއަރީ މަހު 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"އެއްވެސް ސަބަބަކާ ނުލައި އިނގިރޭސިވިލާތުން މިހާރު މިދަނީ ފޯޅަވަހީގެ ރަށްތައް ދޫކޮށްލަން ތައްޔާރުވަމުން،" އޭނާ ވިދާޅުވި އެވެ.
"މިއީ ނިކަމެތިކަން ދައްކައިދޭ އަމަލެއްގެ ގޮތުގައި ޗައިނާ އާއި ރަޝިޔާއިން ދެކޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.
މިއީ ޑެންމާކުގެ ބައެއް ކަމަށްވާ ގްރީންލޭންޑް އެމެރިކާއިން ހިފަން ޖެހޭ ސަބަބެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.
ފޯޅަވަހީގެ އަސްކަރީ މަރުކަޒަކީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "ދިފާއީ ހަމަލާތަކަށް" ބޭނުންކުރުމަށް އިނގިރޭސިވިލާތުން އެމެރިކާއަށް ހުއްދަ ދީފައިވާ ދެ މަރުކަޒުގެ ތެރެއިން އެއް ތަނެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ މީގެ ކުރިން ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނީ ނިންމުންތަކުގެ ސަބަބުން ފޯޅަވަހީގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށާއި، އެތަނުގެ އަސްކަރީ މަރުކަޒު ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ މޮރިޝަސްއާ އެކު އެއްބަސްވުމެއް ހަދައިގެން ކަމަށެވެ.
ބީބީސީއަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ މި އެއްބަސްވުން މުޅިން ދޫކޮށްލީ ނޫން ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގައި ޕާލަމެންޓް އުވާލުމުގެ ކުރިން މި އެއްބަސްވުމަށް ބޭނުންވާ ގާނޫނު ފާސްނުވާނެ ކަމަށާއި، އަދި ޗާގޯސްއާ ބެހޭ އާ ބިލެއް ހުށަހަޅާނެ ކަމަށް ނުބެލެވޭ ކަމަށް އެ އޮފިޝަލުން ވިދާޅުވި އެވެ.
އިނގިރޭސިންގެ އަތްދަށުން މޮރިޝަސް 1960 ގެ އަހަރުތަކުގައި މިނިވަންވުމަށްފަހު ވެސް ޗާގޯސްގެ ކޮންޓްރޯލް އޮތީ އިނގިރޭސިވިލާތަށެވެ. އެ ދުވަސްވަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސްގައި ދިރިއުޅެމުންދިޔަ އެތައް ހާސް ބަޔަކު އެ ރަށްތަކުން ބޭރުކޮށްފަ އެވެ. އޭގެ ފަހުން އެ މީހުން ދަނީ ބަދަލު ހޯދުމަށް އިނގިރޭސި ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ.
މި މައްސަލަތަކުގެ ތެރެއިން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ވަނީ އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ލަފާ ދީފަ އެވެ.
އޭގެ ފަހުން އިނގިރޭސި ވިލާތަށް ކުރިމަތިވި ފިއްތުންތަކުގައި މޮރިޝަސްއާ އެު އެއްބަސްވީ އެ ރަށްތައް ދޫކޮށްލާށެވެ، އެކަމަކު ފޯޅަވަހި 99 އަހަރުގެ މުއްދަތަށް، އަސްކަރީ މަރުކަޒު ހިންގޭ ގޮތަށް އަދި އޭގެ ފަހުން ވެސް މުއްދަތު އިތުރުކުރެވޭ ގޮތަށް އެއްބަސްވުމުގައި ކަނޑައަޅާފައިވެ އެވެ.
އިނގިރޭސި ސަރުކާރުން އެތަން ކުއްޔަށް ހިފާ އަގު ހާމަކޮށްފައި ނުވި ނަމަވެސް، އަހަރަކު 90 މިލިއަން ފައުންޑް (111 މިލިއަން ޑޮލަރު) ދައްކަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގެއް ނުކުރެ އެވެ. -- އޭއެފްޕީ