އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ނުކޮށް ދޫކޮށްލާނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ދަނަންޖޭ ރާމްފުލް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، އެމެރިކާގެ ތާއީދު ނެތް ނަމަ އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލާނެ ކަމުގެ އިޝާރާތެއް އިނގިރޭސިވިލާތުން ދިނުމާ ގުޅިގެންނެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ދިން ލަފަޔަށް ފަހު އިނގިރޭސި ވލާތުން ވަނީ މޮރިޝަސްއަށް އެ ރަށްތައް ހަވާލުކުރަން އެއްބަސްވެ އެކަމާ ގުޅޭ ގާނޫނީ މަސައްކަތްތައް ފަށައިފަ އެވެ. އެކަމަކު މިއީ އިނގިރޭސި ވިލާތުގެ މޮޔަ ނިންމުމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިފަކުރައްވައި ފާޑު ވިދާޅުވާން ފެއްޓެވުމާ އެކު މިހާރު ވަނީ އެމެރިކާގެ ރުހުން ނެތި ރަށްތައް ދޫކޮށްނުލާނެ ކަމަށް ބުނެފަ އެވެ.
"އިންޑިއާ ކަނޑުގެ މި ސަރަހައްދު އިސްތިއުމާރުން ސަލާމަތްކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށްޓަކައި، ހުރިހާ ޑިޕްލޮމެޓިކް އަދި ގާނޫނީ މަގުތަކެއްގެ ބޭނުން ހިފުމަށް އަޅުގަނޑުމެން އެއްވެސް ކަމެއް ދޫނުކުރާނަން،" މޮރިޝަސްގައި ބޭއްވި އިންޑިއާ ކަނޑުގެ ކޮންފަރެންސެއްގައި ރާމްފުލް ވިދާޅުވި އެވެ.
"މިއީ އިންސާފާ ގުޅިފައިވާ ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުން ކުރިއަށްދާނީ "އެމެރިކާގެ ތާއީދު އޮތް ނަމަ" ކަމަށެވެ. މިއީ ޗާގޯސްއާ ބެހޭ ގާނޫނީ މަރުހަލާތައް ނިންމުމަށް ޕާލަމެންޓުގައި އޮތް ވަގުތު ހަމަވާއިރު ވެސް އެކަމަށް ގޮތެއް ނުނިންމޭނެ ކަމަށާއި، އާ ބިލެއް ހުށަހެޅުމުގެ ރޭވުމެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ދިން ރައްދެކެވެ.
މޮރިޝަސްގެ އެޓާނީ ޖެނެރަލް ގަވިން ގްލޯވާ ވިދާޅުވީ، މި ނަތީޖާއަކީ "ހައިރާންވާންޖެހޭ ކަމެއް ނޫން" ކަމަށެވެ. އަދި މިކަމުގެ ޒިންމާ އޭނާ އެޅުއްވީ ޓްރަމްޕާއި ސްޓާމާއާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ މައްޗަށެވެ.
"އަޅުގަނޑުމެން މި ތިބީ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅުމަށް ބަރޯސާވެފައި... އެމެރިކާ އާއި އިނގިރޭސިވިލާތުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ،" ގްލޯވާ އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ގްލޯވާ ވިދާޅުވި ގޮތުގައި، ޗާގޯސް އެއްބަސްވުމާ ގުޅޭގޮތުން މޮރިޝަސްއިން އިނގިރޭސި ސަރުކާރާ އެކު މި މަހުގެ 22 ގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. -- އޭއެފްޕީ