ބަޣުދާދު (ޖޫން 6) - އިރާގުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ގައުމުން ބޭރަށް ފުރުން މަނާކޮށްފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ހައިދަރު އަލް އާބާދީ އިއްޔެ ވިދާޅުވީ އިރާގުގައި އެންމެ ފަހުން ބޭއްވި ޕާލަމެންޓް އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށެވެ.
އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ޝިއައީ ލީޑަރު މުގްތަދާ ސަދުރުގެ ސައިރޫން ކޯލިޝަނުންނެވެ. ކޮރަޕްޝަނާ ދެކޮޅަށް ކެމްޕޭން ކުރި އެ ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 328 ގޮނޑީގެ ތެރޭން 54 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ބޮޑު ވަޒީރު އަބާދީގެ އަލް ނަސްރް އެލަޔަންސަށް ލިބުނީ 42 ގޮނޑިއާ އެކު ތިން ވަނަ އެވެ.
އަބާދީ ވިދާޅުވީ އިލެކްޓްރޯނިކް ވޯޓް ގުނަން ބޭނުންކުރި ޑިވައިސްތައް ކުރިން ޓެސްޓް ވެސް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނާ ޚިލާފު ބައެއް ކަންކަން ކެންޑިޑޭޓުން ވެސް ވަނީ ކޮށްފައި. އެކަމަކު އިންތިޚާބުގައި މަކަރު ހެދުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ އިލެކްޝަންސް ކޮމިޝަން،" އަބާދީ ވިދާޅުވި އެވެ.