ބަޣުދާދު (ޖެނުއަރީ 30) - އެމެރިކާ އަށް އެތެރެވުން މަނާކޮށްފައިވާ ހަތް ގައުމުގެ މީހުންގެ ތެރޭގައި އިރާގު ހިމަނާފައިވާތީ އެ ކަމަށް ރައްދު ދޭނެ ކަމަށް އިރާގުން ބުނެފި އެވެ.
އިރާގުގެ ޕާލަމެންޓުގެ ފޮރިން އެފެއާޒް ކޮމިޓީން ބުނީ އެމެރިކާ އިން އެޅި ފިޔަވަޅަށް ރައްދު ދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އަދި އިރާގާ މެދު އެމެރިކާ އިން މި ގޮތަށް ކަންތައް ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އިރާގުގެ ޕޮޕިއުލާ މޯބިލައިޒޭޝަން ފޯސް އިން ވަނީ އެމެރިކާ މީހުން އިރާގަށް އެތެރެވުން މަނާ ކުރުމަށާއި އިރާގުގައި މިހާރު ތިބި އެމެރިކާ ސިފައިން ފޮނުވާލުމަށް ގޮވާލައިފަ އެވެ. ޕޮޕިއުލާ މޯބިލައިޒޭޝަން އަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އީރާނުން ތަމްރީނުކޮށްފައިވާ ޝިއައީ ގްރޫޕެކެވެ. އިރާގު ސަރުކާރުން މިދިޔަ އަހަރު ވަނީ މި ގްރޫޕް ބަލައިގެންފަ އެވެ.
މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާ އިމިގްރޭޝަން ސިޔާސަތުގެ ދަށުން މަނާކޮށްފަ އެވެ. އެއީ ސީރިއާ، އީރާން، އިރާގު، ސޮމާލިއާ، ޔަމަން އަދި ލީބިއާ އެވެ. މީގެ އިތުރުން ރެފިއުޖީ ޕްރޮގްރާމް ވެސް ވަނީ ވަކި މުއްދަތަކަށް ހުއްޓާލައިފަ އެވެ.
އެމެރިކާ އިން އެޅި ފިޔަވަޅަށް ރައްދު ދިނުމަށް އީރާނުން ވަނީ އެމެރިކާ މީހުން އެ ގައުމަށް އެތެރެވުން މަނާކުރާނެ ކަމަށް ބުނެފަ އެވެ.