ސްމާޓް އިލެކްޓްރޯނިކްސް ވަރަށް މުހިންމު އެއްޗަކަށް ވެއްޖެ އެވެ. ޚަބަރު ސުރުޚީތަކުގައި އެ ނޫން ވާހަކައެއް މިހާރު މަދެވެ. ސްމާޓްފޯނުތައް ބާރުގަދަކުރުމަށްޓަކައި ގެންނަން ހުރި އާ ޓެކްނޮލޮޖީ އަށް ނިމުމެއް ނެތެވެ. މި އޮތީ ވެސް އެކަހަލަ ވާހަކައެކެވެ.
ސްމާޓްފޯނުގައި މިހާރު ބޭނުންކުރެވޭ ސްކްރީން އެހާ ފަސޭހައިން ތަޅައިގެން ދަނީ، ސްކްރީން އުފައްދަން ބޭނުންކުރެވޭ މާއްދާތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފި އެވެ. ޔުނިވާސިޓީ އޮފް ސަސެކްސްގެ ސައިންސްވެރިން ވަނީ އެ ކަމަށް ހައްލެއް ހޯދާފަ އެވެ.
ސައިންސްވެރިން ޚިޔާލުކުރާ ގޮތަށް ޑިސްޕްލޭތައް އުފެއްދުނު ދުވަހަކުން، ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ތަޅައިގެން ދިއުން ނިމުމަކަށް އަންނާނެ އެވެ. މޮޅު ފޯނެއް ގަނެ، ސްކްރީން ޕްރޮޓެކްޓާ އަޅުވައި، ސްކްރީން ތަޅައިގެން ހިނގައިދާނެ ކަމަށް ބިރުން ބެންޑޭޖްނުކޮށް ފަރުޖެހޭނެ އެވެ.
ސްކްރީން ނުތެޅޭ ގޮތަށް އުފެއްދުމަށްޓަކައި، މިހާރު ބޭނުންކުރެވޭ މާއްދާތަކުން ސްކްރީން އުފެއްދުން ހުއްޓާލަން ޖެހެ އެވެ. މިއީ އިންވެސްޓަރުން ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ސައިންސްވެރިން ބުނާ ގޮތުގައި، ސްމާޓްފޯން ސްކްރީން ބަދަލުކުރުމަށް މިހާރު ކުރަން ޖެހޭ ޚަރަދު، ބޮޑު ތަފާތަކުން ހެޔޮވާނެ އެވެ. އެ ގޮތުގައި އާ ޓެކްނޮލޮޖީއަށް ކުރަން ޖެހޭ މުޅި އިންވެސްޓްމަންޓް ވެސް ހެޔޮވެގެން ދާނެ އެވެ.
ސްމާޓްފޯން ސްކްރީން އުފައްދަން މިހާރު ބޭނުންކުރާ މައިގަނޑު މާއްދާ އަކީ "އިންޑިއަމް ޓިން އޮކްސައިޑް" އެވެ. ސްކްރީންގެ ފަށަލައެއް ގޮތުގައި ބިއްލޫރި ނުވަތަ ގޮރިއްލާ ގްލާސް ބޭނުންކުރި ނަމަވެސް، އެއީ ތަޅައިގެން ނުދާ އުފެއްދުމެއް ނޫނެވެ.
ސައިންސްވެރިން އުންމީދުކުރަނީ އިންޑިއަމް ޓިން އޮކްސައިޑްގެ ބަދަލުގައި، ގްރެފީން ބޭނުންކުރުމަށެވެ. ސްކްރީން ފުރިހަމަކުރުމަށް ގްރެފީންފީންއާ އެކު ސިލްވާ ނެނޯވަޔާ އަދި ދެމެހެއްޓުމަށް އެކްރީލިކް ފަށަލައެއް ބޭނުންކުރުމަށެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި މާއްދާތަކުން އުފައްދާ ސްކްރީންތަކުގައި މުރަނަކަމެއް ނުހުންނާނެ އެވެ. މާނަ އަކީ ފޯނު ވެއްޓިގެން ސްކްރީން ތަޅައިގެން ދިއުމަށް އޮންނަ ފުރުސަތު ކުޑަވުމެވެ.
ސްމާޓް ޑިވައިސްތަކަށް ބޭނުންވާ "ކޮންޑަކްޓިވް" ސްކްރީން އުފެއްދުމަށް ގްރެފީން ބޭނުންކުރުމަކީ ސައިންސްވެރިން ވަރަށް ކުރީއްސުރެ ދެކޭ ހުވަފެނެކެވެ. ގްރެފީން ބޭނުންކޮށްގެން ތަހުލީކްތަކާއި ތަމްރީންތައް، އެތައް ދުވަހެއް ވަންދެން ވަނީ ހަދާފަ އެވެ. އެކަމަކު އާންމު ވިޔަފާރިއަށް ނެރޭނެ ތާރީޚެއް އަދި ވެސް ކަނޑައެއް ނާޅަ އެވެ.