ސްމާޓްފޯނުތައް ފަތްނުޖެހިގެން އެންމެން ތެޅިފޮޅެނީ އެވެ. އެކަމަކު އެކަން ކުރާނެ ގޮތް އަދި އެކަކަށް ވެސް ނޭނގެ އެވެ. ސްމާޓްފޯން ސްކްރީންތައް ފަތްޖެހުނަސް، ސްކްރީން އޮޅާލެވޭ ގޮތަށް ފޯނެއް އުފެއްދުން އަދި އޮތީ ތަންކޮޅެއް ދުރުގަ އެވެ.
އެކަމަކު ލެނޮވޯއިން ކޮށްގެން އުޅޭ ކަމެއް އެނގޭ ހެއްޔެވެ؟ ލެޕްޓޮޕެއް ފަތްޖަހާލުމަށް އެ މީހުން މަސައްކަތް ފަށައިފި އެވެ.
ލެޕްޓޮޕަކީ އޭގެ ޒާތުގައި ވެސް ފަތްޖެހޭ އެއްޗެކެވެ. އެކަމަކު މިހާރު ކަންބޮޑުވެގެން މި އުޅެނީ ސްކްރީން ފަތްޖަހާނެ ގޮތެއް ނޫން ނަމަ އޮޅާލެވޭނެ ދެމެހެއްޓެނިވި ގޮތެއް ނުފެނިގެންނެވެ.
ލެނޮވޯއިން ގަބޫލުކުރާ ގޮތުގައި މި ކަހަލަ ލެޕްޓޮޕެއް އުފެއްދިދާނެ އެވެ. މައިކްރޮސޮފްޓް ސާފަސްގައި ވެސް މި ކަހަލަ އިހުސާސެއް ހުރެ އެވެ. އެކަމަކު ލެނޮވޯއިން ދެއްކި ލެޕްޓޮޕް މޮޑެލް ފެންނަނީ ވަރަށް ޒަމާނީ އާލާތެއް ގޮތަށެވެ.
"ލެނޮވޯޓްރާންސްފޯމް" ޓެގަކަށް ހަދައި ޓްވީޓާ ފަދަ ސޯޝަލް ނެޓްވޯކްތަކުގައި، ލެނޮވޯއިން އަންނަނީ މި މޮޑެލް ޕްރޮމޯޓްކުރަމުންނެވެ. ނަމަވެސް މީގެ ލެޕްޓޮޕެއް އުފެއްދޭނެ ދުވަހެއް ނުވަތަ މާކެޓަށް ނެރޭވޭނެ ދުވަހެއް ވެސް އެ ކުންފުނިން ނުބުނެ އެވެ. ނޫން ނަމަ އެއީ ކުރަމުން ދާ މަސައްކަތެެއްކަން ވެސް ނޭނގެ އެވެ.
ލެނޮވޯ ލެޕްޓޮޕްގެ ސްކްރީން، ސްމާޓްފޯން ސްކްރީނެއް ފަދަ އެވެ. އެއީ "މަލްޓި ޓަޗް" ސްކްރީނެކެވެ. ސްކްރީނާ އިންވެގެން ކީބޯޑެއް ވެސް ފެނެ އެވެ. ވައިފައި މޮޑިއުލް، މައިކްރޮފޯން ފަދަ ލެޕްޓޮޕަކަށް ބޭނުންވާނެ ހުރިހާ ހާޑްވެއާއެއް ހިމެނެ އެވެ. އަދި ސެމްސަންގެ ގެލަކްސީ ނޯޓް މަރުކާގެ ފޯނުތަކަށް ޚާއްސް "ޕެން ސްޓައިލަސް"އެއް ވެސް ހިމަނާފައިވެ އެވެ.
މަސްރަހު ދިރާސާކުރާ މީހުން ލަފާކުރާ ގޮތުގައި، ސްކްރީން އޮޅާލުމުގެ ގާބިލުކަމާ އެކު ލެޕްޓޮޕެއް އުފެއްދުމަކީ ލެނޮވޯ ކޮށްފާނެ ކަމެކެވެ. ލެނެވޯއިން ދައްކާލި ނަމޫނާ އަކީ ޖޯކެއް އަދި މަލާމާތެއް ވެސް ނޫނެވެ. އެއިން ދައްކައިދެނީ އެކަމާ ލެނޮވޯ ސީރިއަސްވެފައިވާ ކަމެވެ.