ލ. ފޮނަދު އަށް ރޭ ފަތިހު އެރި ނަގޫރޯޅިއާ ގުޅިގެން، މީހުން ދިރިއުނޫޅެވޭވަރަށް އެ ރަށުގެ ހަ ގެއަކަށް ގެއްލުން ލިބުނު ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ ނަގޫރޯޅި އެރުމުގެ ސަބަބުން ޖުމްލަ 12 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިރިނޫޅެވޭ ވަރަށް ގެއްލުންލިބުނު ގެތަކުގެ މީހުން، ރަށުގެ އެހެން ގެތަކުން ވަގުތީ ހިޔާވަހިކަން ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު އަނެއް ހަ ގޭގެ ބައެއް ކޮޓަރިތައް ބޭނުންކުރެވެ އެވެ.
އެހެންވެ އެތަންތަނުގައި އެމީހުން އުޅެމުން އަންނައިރު، އޭގެ ތެރެއިން އެއް ގެއެއްގައި ރަނގަޅު ހާލަތުގައި ހުރީ އެންމެ ކޮޓަރިއަކަށް ވާތީ، އެ އާއިލާއަށް ކައުންސިލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ސޮފީނާޒް ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ ފޮނަދޫގެ އިތުރުން އެ އަތޮޅު ހިތަދޫއަށް ވެސް ނަގޫރޯޅީގެ އަސަރުކުރި ކަމަށެވެ. އެ ރަށުގެ ގެއެއްގެ ފުރާޅު އެއްލައިލިއިރު އެ ގެއެއް މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ފޮނަދު އަށް ލިބުނު ގެއްލުންތައް މިހާރު އަންނަނީ ބަލަމުންނެވެ. އެއަށްފަހު ގެތަކުގެ ފުރާޅު އެޅުމުގެ މަސައްކަތް ފަށައި އިރުއޮއްސުމުގެ ކުރިން އެ ކަންތައް ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ގެތަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދޭއިރު ކަރަންޓުގެ މައްސަލަ ވެސް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ނަގޫރޯޅީގެ ސަބަބުން ބަނބުކެޔޮ ފަދަ ބޮޑެތި ގަސްތައް ވެސް ވެއްޓިފައި ވެ އެވެ. އެ ގަސްތައް ނެގުމުގެ މަސައްކަތް އެބަކުރެ އެވެ.