ލ. ފޮނަދު އަށް ރޭ ފަތިހު ނަގޫރޯޅިއެއް އަރައި ގޭގެއަށާއި ރުއްގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާގައި ބައެއް ގެތަކުގެ ފުރާޅު ވަނީ އެއްލާލައިފަ އެވެ. އަދި ބައެއް ގޭގޭ ފުރާޅުމައްޗަށް ބޮޑެތި ގަސްތައް ވެއްޓި ގެއްލުން ލިބިފައިވެ އެވެ.

ނަގޫރޯޅިއާ އެކު ފުރާޅު އެއްލާލި ނުވަ ގެއެއްގެ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި ރަށުގެ ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ފޮނަދު އަށް ނަގޫރޯޅިއެއް އަރައި ގެއްލުން ލިބިފައި.-- ފޮޓޯ: ޕޮލިސް
ފޮނަދު އަށް ނަގޫރޯޅިއެއް އަރައި ގެއްލުން ލިބިފައި.-- ފޮޓޯ: ޕޮލިސް

ފޮނަދޫގެ ބަނދަރުގައި އޮތް ދެ ލޯންޗަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފޮނަދޫއަށް ނަގޫރޯޅި އެރުމުގެ ސަބަބުން ގެއަކަށް ގެއްލުންލިބިފައި-- ފޮޓޯ: ޕޮލިސް
ފޮނަދޫއަށް ނަގޫރޯޅި އެރުމުގެ ސަބަބުން ގެއަކަށް ގެއްލުންލިބިފައި-- ފޮޓޯ: ޕޮލިސް

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި މިރޭ އަށެއް ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.