އައިފޯން 10ގެ އަގަކީ 1،000 ޑޮލަރެވެ. މިއީ 64ޖީބީ ފޯނެއް ވަކިން ގަންނަން ލިބޭ އެވްރެޖް އަގެވެ. މި ފޯނު މިސާލަކަށް ބަލައި "ޔޫއެސްއޭ ޓުޑޭ"އިން ވަނީ ހަމައެކަނި އައިފޯން 10 ވިއްކައިގެން އެއް ޓްރިލިއަން ޑޮލަރު ލިބޭނެ ގޮތެއް ބަލަން ހިސާބު ޖަހައިފަ އެވެ. އެކަމަކު މި ބުނަނީ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް އެޕަލް ވީ ހަމައެކަނި އައިފޯނު ވިއްކައިގެންނެކޭ ނޫނެވެ.
"ޔޫއެސްއޭ ޓުޑޭ"އިން ދެއްކި މިސާލުގައި، އެއް ކޮޑި ފޫޓު (އެއް ފޫޓް، އެއް ފޫޓް، އެއް ފޫޓް - ދިގުމިން، ފުޅާމިން، އުސްމިން އެއްވަރު) ފޮށިގަނޑަކަށް 325 އައިފޯން 10 ލެވެ އެވެ. މިއީ އައިފޯން 10 ބަންދުކޮށްފައި އޮންނަ ފޮށި ނުހިމަނަ އެވެ. އެ ގޮތުގައި، ކޮޑި ފޫޓް ފޮށިގަނޑުގެ އަގު 325،000 ޑޮލަރަށް އުފުލެ އެވެ.
އައިފޯން 10 ބާޒާރަށް ނެރުމަށްޓަކައި ކޮންޓެއިނާތަކަކަށް ލާން ދިމާކޮށްފި ނަމަ 40 ފޫޓު ކޮންޓެއިނާއަކަށް ލެވޭ ކަމަށް ދައްކަނީ އެއް ކޮޑި ފޫޓުގެ 2،660 ފޮށިގަނޑެވެ. އެ ގޮތުގައި 40 ފޫޓު ކޮންޓެއިނާއެއްގެ އަގު 864.5 މިލިއަން ޑޮލަރަށް އުފުލެ އެވެ. މާނަ އަކީ 40 ފޫޓު ކޮންޓެއިނާއެއް ފުރައި އައިފޯން 10 އަރުވައިގެން ގޮސް 1،000 ޑޮލަރަށް ފޯނެއް ވިއްކި ނަމަވެސް، އެއް ޓްރިލިއަން ޑޮލަރުގެ އެއް ޕަސެންޓަށް ވާ އަދަދަށް ވެސް ފައިސާ ހަމަނުވާނެ ކަމެވެ.
މި މިސާލަށް ބަލައި، އައިފޯން 10ގެ ނިސްބަތުން އެއް ޓްރިލިއަން ޑޮލަރު ހަމަކުރަން ޔޫއެސްއޭ ޓުޑޭއިން ކުރި މަސައްކަތުގައި، 495.6 ބިލިއަން ޑޮލަރު ހޯދުމަށްޓަކައި 40 ފޫޓުގެ 574 ކޮންޓެއިނާ ވިއްކަން ޖެހެ އެވެ. އަދި އެއް ޓްރިލިއަން ޑޮލަރުގެ އަގު ހުރި ކުންފުންނަކަށް އެޕަލް ހެދުމަށްޓަކައި 40 ފޫޓުގެ 1،157 ކޮންޓެއިނާ ވިއްކަން ޖެހެ އެވެ.
އެޕަލް އަކީ އަގު ބޮޑު ކުންފުންޏަކަށް ވެއްޖެ އެވެ. އެއީ އެކަމަކު މުޅިން އައިފޯން ވިއްކައިގެން ހޯދި ފައިސާއެއް ނޫނެވެ. އައިފޯން އުފައްދާ ކުންފުނީގެ ގޮތުގައި ގިނަ ބަޔަކަށް އެޕަލް އެނގުނު ނަމަވެސް، އައިފޯނަށް ވުރެ ވެސް ކުރިން އެޕަލް އަކީ އަގު ބޮޑު އަދި އަބުއި އާލާތްތައް އުފައްދާ ކުންފުންޏެކެވެ. ނަމަވެސް، އަގު ބޮޑު ކުންފުންޏެއްގެ ގޮތުގައި އެޕަލް މަޝްހޫރުވެ، ޚަބަރު ސުރުޚީތަކަށް އެރި ނަމަވެސް، މިއީ އެވްރެޖް މީހަކަށް އެއްވެސް މާނައެއް ހުރި ވާހަކައެއް ނޫނެވެ.