އައިފޯން 10 އުންމީކުރި ވަރަށް ނުވިކޭ ކަމަށް، މާކެޓް ދިރާސާކުރާ ކުންފުނިތަކުން ބުނެ އެވެ. އައިފޯން 10 ވިކޭނެ ކަމަށް ކުރިން ހީކުރި ވަރަށް ވުރެ ގިނައިން ވިކިއްޖެ ކަމަށް ވެސް ބުނެވެ އެވެ. އެޕަލް އަށް ވަރަށް ގިނަ ފައިސާ، އައިފޯން 10 ހޯދައިދީފި ކަމަށް ބުނާތީ ވެސް އެހާ ގިނައިން އިވެ އެވެ. އައިފޯން 10 އާ ބެހޭ ގޮތުން ރަނގަޅު ވާހަކައެއް، ސައްހަ މައުލޫމާތެއް ދެނީ ކޮން ބައެއް ކަމެއް، މިހާ ހިސާބުން މިއޮތީ އޮޅިފަ އެވެ.
އައިފޯން 10 އަށް ބޭނުންވާ އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް ސެމްސަންގަށް ބިޔަ އޯޑަރެއް އެޕަލް އިން ދިނެވެ. އެއިރު ހީކުރެވިފައި އޮތީ، އައިފޯން 10 އަށް އުފައްދައިދޭ އޯލެޑް ޕެނަލްތަކުން ސެމްސަންގަށް ލައްކަ ފައިސާ ލިބޭނެ ކަމަށެވެ. އެކަމަކު އެޕަލް އިން ކުރި ވިސްނި ގޮތް ބަދަލުކޮށް، އައިފޯން 10 އުފައްދާ މިންވަރު މަދުކުރާނެ ކަމަށް މިހާރު ވަނީ ހާމަކޮށްފަ އެވެ. އޭގެ މާނަ އަކީ އެޕަލް އިން އޯޑަރުދޭނެ ކަމަށް ބަލައި، ސެމްސަންގުން ކުރި ބިޔަ އިންވެސްޓްމަންޓް ފުލުންދިއުމެވެ.
އެޕަލް އަށް އޯލެޑް ޕެނަލް އުފައްދައިދިނުމަށްޓަކައި ސެންމަސްންގުން ފެކްޓަރީތައް ބޮޑެތިކޮށް ޖާގަ އިތުރުކުރި އެވެ. އަދި އެޕަލް އަށް ދަތިނުވާ މިންވަރަށް އޯލެޑް ސަޕްލައިކޮށްދިނުމަށްޓަކައި، ކުރިއާލައި ގިނަ އަދަދަކަށް ޕެނަލްތައް ވަނީ އުފައްދާފަ އެވެ. އެހެންކަމުން، އެޕަލް އިން އޯޑަރުދޭ އަދަދު މަދުކުރުން ވާނީ ސެމްސަންގަށް ބޮޑު ކެއްސަކަށެވެ.
އައިފޯން 10 އުފައްދާ މިންވަރު އެޕަލް އިން މަދުކުރި ސަބަބެއް ކަމަށް ބުނަނީ، އައިފޯނަށް ބައިތައް އުފައްދައިދޭ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ އިތުރުވުމެވެ. އެޕަލް އިން ބޭނުންވާ ފެންވަރަށް ފޯނުގެ ބައިތައް ފައްކާކުރަން ވަގުތުނެގުން ވެސް އެއީ ސަބަބެއް ކަމަށް ބުނެވެ އެވެ.
ސެމްސަންގުން އައިފޯން 10 އަށް އޯލެޑް ޕެނަލެއް އުފައްދައިދެނީ 100 ޑޮލަރަށް ކަމަށް ވެ އެވެ. އެއީ އެޕަލުން ބޭނުންވާ ފެންވަރުގެ ޓަޗް ސެންސަރުތަކާ އެކު އެވެ. މި ފުރިހަމަކަމުގައި އޯލެޑް ޕެނަލްތައް އުފައްދާފައި ބެހެއްޓުން ވާނީ ސެމްސަންގަށް މާލީ ގޮތުން ބޮޑު ގެއްލުމަކަށެވެ. އަދި ފެކްޓަރީގައި ބަންޑެލިޖަހާފައި ބެހެއްޓުން ވެސް ވަނީ ގެއްލުމަކަށެވެ.