އެންޑްރޮއިޑް ބައެއް ފޯނުތަކުގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީ މާ ފުރިހަމަ ކަމަށް "ޓޮމްސް ގައިޑް" އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ. އައިފޯން 10 އަށް ވުރެ "ވަންޕްލަސް 5ޓީ" އަދި "އެލްޖީ ވީ30" ވެސް، ފާސްޓް ޗާޖް މޯޑްގައި، މާ އަވަހަށް ބެޓެރީ ޗާޖްކުރެ އެވެ.
އައިފޯން 10 ފާސްޓް ޗާޖްކުރެވެނީ ކިހާ އަވަހަކަށްތޯ ބެލުމަށް ބޭނުންކޮށްފައި ވަނީ އެޕަލްއިން ހުއްދަ ދީފައި ހުރި ކޭބަލް އާއި ޗާޖަރެވެ. އެޕަލް ސްޓޯރުން ސާމާނު ގަނެގެން ކުރި ޓެސްޓުން އައިފޯން 10 އަަކަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އެހެންވެ، ފާސްޓް ޗާޖިން ޓެކްނޮލޮޖީ އަކީ ކޮބައިކަން އެޕަލް އަށް އެނގުނަސް، ވާދަވެރި އެންޑްރޮއިޑް ފޯނުތަކާ ހަމައަށް ދާން އަދި ކުރަންޖެހޭ މަސައްކަތް ބުރަ ކަމަށް ނިންމަން ޖެހެ އެވެ.
އައިފޯން 10، އައިފޯން 8 ޕްލަސް އަދި އައިފޯން 8ގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީ ގާއިމުކޮށްފައިވެ އެވެ. ނަމަވެސް ފޯނާ އެކު ލިބޭ ކޭބަލް އަދި ޗާޖަރުން ފާސްޓް ޗާޖެއް ނުކުރެވެ އެވެ. އައިފޯން 10 ފާސްޓް ޗާޖުކުރުމަށްޓަކައި ބޭނުންކުރަން ޖެހެނީ ތަފާތު ކޭބަލެކެވެ. ޗާޖަރު ވެސް ވާން ޖެހެނީ ޔޫއެސްބީ ޓައިޕް ސީ ކަނެކްޓަރު ޖެހޭ، ފާސްޓް ޗާޖަރަކަށެވެ.
ބެލެވޭ ގޮތުގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީގައި އެންމެ ކުރީގައި އުޅެނީ ވަންޕްލަސް އެވެ. ވަންޕްލަސްގެ ބަހުރުވައިން ފާސްޓް ޗާޖިން އަކީ "ޑޭޝް ޗާޖިން" އެވެ. އެލްޖީ އަދި ވާވޭ ވެސް ފާސްޓް ޗާޖިންގައި ބާރުގަދަ އެވެ. ސެމްސަންގް ފޯނުތައް ފާސްޓް ޗާޖިން ސަޕޯޓްކުރި ނަމަވެސް، ރޭހުގައި އެ މީހުން އުޅޭ ހިސާބާ މެދު ވިސްނާލަން ޖެހެ އެވެ.