ނިއު ދިއްލީ (އޮގަސްޓް 25) - އިންޑިއާގައި ސްވައިން ފްލޫގެ ނުރައްކާ ބޮޑުވެ ވޭތުވެދިޔަ އަށް މަސް ދުވަސްތެރޭ 1،094 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވޭތުވެދިޔަ ތިން ހަފުތާ ތެރޭގަ އެވެ. އެ މުއްދަތުގައި ވަނީ 342 މީހުން މަރުވެފަ އެވެ. އިންޑިއާ އިން މި އަހަރުގެ މިހާތަނަށް ވަނީ 22،186 މީހުންނަށް ސްވައިން ފްލޫ ޖެހިފަ އެވެ. އިންޑިއާގައި ސްވައިން ފްލޫ އެންމެ ބޮޑަށް ފެތުރެމުން ދަނީ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގަ އެވެ. އެ ސްޓޭޓުން ވަނީ 437 މީހުން މަރުވެފަ އެވެ. ޖެހިގެން އޮންނަ ގުޖުރާތުން ވަނީ 297 މީހުން މަރުވެފަ އެވެ.
މީގެ ދެ އަހަރު ކުރިން ވެސް އިންޑިއާގައި ވަނީ ވަރަށް ހަލުވިކަމާ އެކު ސްވައިން ފްލޫ ފެތުރިފަ އެވެ. އެ ފަހަރު ވަނީ މި ބަލީގައި 1،900 މީހުން މަރުވެފަ އެވެ. ސްވައިން ފްލޫގައި މިދިޔަ އަހަރު އިންޑިއާ އިން މަރުވެފައި ވަނީ 265 މީހުންނެވެ.
އެޗް1އެން1 ވައިރަސް ނުވަތަ ސްވައިން ފްލޫ 2009 ވަނަ އަހަރު މުޅި ދުނިޔޭގައި ފެތުރުނު އިރު އިންޑިއާގެ 50،000 މީހުންނަށް ވަނީ މި ބަލި ޖެހި، 2،700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ސްވައިން ފްލޫގެ އަލާމާތްތައް ހަމަ އާދައިގެ ރޯގާއެއްގެ އަލާމާތްތަކާ ދާދި އެއްގޮތެވެ. އެއީ، ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ.