ޓްރިވެންޑްރަމް (އެޕްރީލް 17) - އިންޑިއާގެ ކެރެލާ ސްޓޭޓުގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ފެތުރޭތީ ސަމާލުވުމަށް އެ ސްޓޭޓުގެ ހެލްތު މިނިސްޓަރު އަންގަވައިފި އެވެ.
ސްވައިން ފްލޫގެ އިތުރުން ޑެންގީ އާއި އެހެން ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކެރެލާގެ ހެލްތު މިނިސްޓަރު ކޭ.ކޭ. ޝީލާޖް ނެރުއްވި ބަޔާނެއްގައި ވަނީ ހާލަތު ސީރިއަސް ވެއްޖެ ނަމަ ކަންކުރަންވީ ގޮތް ސްޓޭޓުގެ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ހެލްތު ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް އަންގާފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރުތަކާއި މެޑިކަލް ކޮލެޖްތަކާއި ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެސް ބޭހާއި ފަރުވާދޭނެ އެހެން ވަސީލްތައް ގާއިމްވެފައި ހުރިތޯ ޔަގީން ކުރުމަށް ވެސް ވަނީ އަންގަވައިފަ އެވެ.
އިންޑިއާގައި މި އަހަރު ފެށުނު ފަހުން 5،000 އަށް ވުރެ ގިނަ މީހުންނަށް ސްވައިން ފްލޫ ޖެހިފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އިން ބުނެފައިވެ އެވެ. މީގެ ތެރޭން 125 މީހުން ވަނީ މަރުވެފަ އެވެ. ސްވައިން ފްލޫ ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހާރާސްތުރާ ސްޓޭޓުން ވަނީ 63 މީހުން މަރުވެފަ އެވެ. ޖެނުއަރީން އެޕްރީލް މަހާ ދެމެދު ޓަމިލް ނާޑޫގައި 2،626 މީހުންނަށް ސްވައިން ފްލޫ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. ބަލި ބޮޑަށް ފެތުރެނީ އިންޑިއާގެ ހުޅަނގާއި ދެކުނުގެ ހިސާބުތަކުގަ އެވެ.