އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާއަކަށް ޑރ. ސުނީނާ ރަޝީދު މިއަދު ހަަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ސުނީނާ އަކީ ރާއްޖޭގައި ތިބެގެން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ސުނީނާއާ އެކު، އެވިޑްގައި ޑެޕިއުޓީ ދެ ވައިސް ރެކްޓަރުން މިވަގުތު ތިއްބަވަ އެވެ. ދެން އެ މަގާމުގައި ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި ވިލާ ކޮލެޖުގައި ކުރިން ކިޔަވައި ދެއްވި އަހުމަދު ފަޔާޒު ހަސަނެވެ.
އެވިޑް ކޮލެޖުގައި އެކި މަގާމުތަކުގެ ކުރިއެރުން ލިބުނު ބޭފުޅުންނަށް ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސުނީނާ އަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑްގެ ޗެއާމަން މުޝްތާގު ރަޝާދެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސުނީނާ ހުންނެވީ އެވިޑްގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ޑީން އަކަށެވެ.
އެވިޑްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަގާމުގައި މިހާތަނަށް ހުންނެވި ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ޕްރޮމޯޓް ކުރީ އެ ފެކަލްޓީގެ އެގްޒެކެޓިވް ޑީން އަކަށެވެ. އޭގެ އިތުރުން ބިޒްނަސް މެނޭޖްމަންޓްގެ ޑީން އަކަށް ހަމަޖެއްސީ އަލީ ނާފިޒެވެ. އޭނާ އަކީ މިހާތަނަށް އެ ފެކަލްޓީގެ ޑެޕިއުޓީ ޑީން އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގް ވިދާޅުވީ މަގާމުތަކުގެ ކުރިއެރުމާ އެކު، އެ ކޮލެޖަށް އަންނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.