ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމުމާ ގުޅިގެން ކުޅިވަރަށް ގެއްލިފައިވާ ފުރުސަތުތައް އެހެން ގޮތްގޮތުން ހޯދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފި އެވެ.

ކޮމަންވެލްތުން ވަކިވުމުން ކޮމަންވެލްތު ގޭމްސް އާއި ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލި އަދި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުންދޭ ތަމްރީނުގެ ފުރުސަތުތައް ރާއްޖެ އަށް ވަނީ ބަންދުވެފަ އެވެ. އެކަމާ ގުޅިގެން އޮލިމްޕިކް ކޮމިޓީން އަދި ބައެއް އެތުލީޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިރުތިޝާމް ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމިއިރު އެކަމުން ލިބިދާނެ ގެއްލުންތައް ބަލައި ދިރާސާކުރި ކަމަށާއި އަދި އެ މައްސަލައިގައި ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށެވެ. އަދި ވިސްނުމަކީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވެވޭ ހާލަތެއްގައި، އެފަދަ ފުރުސަތުތައް ލިބޭ އެހެން ފެޑެރޭޝަނެއްގައި ނުވަތަ ޖަމާއަތެއްގައި ބައިވެރިވެ ފުރުސަތުތައް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ބޭފުޅުން މިތިބެއްވެނީ އެ މަސައްކަތްކުރައްވަން ތައްޔާރަށް. ވަގުތާއި އަޅުގަނޑުމެންގެ ހުރިހާ އެފޯޓް ލެވޭނެ މިިކަމަށް،" ސްޕޯޓްސް ކައުންސިލާއި ސްޕޯޓްސް ކޯޕަރޭޝަން އަދި ސްޕޯޓްސް ކޮމިޝަނުގެ މެމްބަރުންނަށް އިޝާރާތްކުރައްވައި މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު ވިދާޅުވި އެވެ.

އިރުތިޝާމް ވިދާޅުވީ ކޮމަންވެލްތު ގޭމްސް އަށް ވުރެ ގިނަ ގައުމުތަކުން އޮލިމްޕިކްސްގައި ވާދަކުރާ ކަމަށާއި އެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށާއި އޭގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ވެސް ރާއްޖެ އަށް ކާމިޔާބު ހޯދޭނެ މުބާރާތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮމަންވެލްތު ތެރެއިން ނުވިޔަސް ވަރަށް ގިނަ ފުރުސަތުތައް ރާއްޖެ އަށް އެހެން ގޮތްގޮތުން ހޯދޭނެ ކަމަށާއި އެގޮތުން ކުރިއަށް އޮތްތަނުގައި ކުޅުންތެރިން އެހެން ގައުމުތަކަށް ފޮނުވައި ސްކޮލަޝިޕާއި ތަމްރީން ލިބޭތޯ ބައްލަވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޒުވާނުން އަދި ކުޅިވަރު ކުޅުންތެރިން އެއްގޮތަކަށް ވެސް މިކަމުގައި ހާސްވެވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެން ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާނަން،" އިރުތިޝާމް ވިދާޅުވި އެވެ.

އޮލިމްޕިކްސް އަށް ފަހު ކޮމަންވެލްތު ގޭމްސްގެ ނިޔަލަށް އޮންނަ ދެ އަހަރު އެތުލީޓުން ތަމްރީންކުރުމަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ގިނަ އެހީތަކެއް ދެ އެވެ. ރާއްޖެ އަށް 2018 ވަނަ އަހަރުގެ ނިޔަލަށް އެތުލީޓުން ތަމްރީން ކުރުމަށް އެހީތެރިކަން ލިބޭނީ ކޮމަންވެލްތު ގޭމްސް އާއި ކޮމަންވެލްތު ޔޫތު ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގެ ބަޖެޓުގެ ތެރެއިންނެވެ. ކޮމަންވެލްތުން ވަކިވުމާ އެކު ކުރިއަށް އޮތް ދެ އަހަރަށް ލިބެން އޮތް އެހީގެ ތެރެއިން ތިން ބައިކުޅަ ދެ ބައި އެހީ ކެނޑިގެންދާނެ އެވެ.