އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ރާއްޖޭގެ ކުޅިވަރު ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް ދިވެހި ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވި ޝެއިޚް ސަލްމާން ވަނީ އިއްޔެ ހަވީރު ކުޅިވަރާ ބެހޭ ވަޒީރު އައިޝަތު އިރުތިޝާމް އާއި ސްޕޯޓްސް ކޯޕަރޭޝަނުގެ އިސްވެރިންނާ އަދި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިންނާ އެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައިފަ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމްގެ އިތުރުން ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމަށް ފަހު ޝެއިޚް ސަލްމާން ވަނީ ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެން ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އަދި ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އާ ބައްދަލުކުރައްވައި ފުޓްބޯޅަ ކުރިއެރުވިދާނެ ގޮތްގޮތާ މެދު މަޝްވަރާކުރައްވައިފަ އެވެ. އެއަށް ފަހު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވާ ޖޫނިއާ ކުޅުންތެރިންނާ ބައްދަލުކޮށް އެކުދިންނާ އެކު ފޮޓޯއެއް ނަންގަވައި އެ ކުދިންގެ ހުނަރުތައް ބައްލަވާލެއްވި އެވެ.
މީގެ އިތުރުން ޝެއިޚް ސަލްމާން ވަނީ އިއްޔެ އެފްއޭއެމް ހައުސް އަށް ޒިޔާރަތްކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ރަސްމީކޮށް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް ބައިވެރިވަވަޑައިގަތެވެ. މި ބައްދަލުވުމުގައި ޝެއިޚް ސަލްމާން ވަނީ ފުޓްބޯޅަ އަށް އޭއެފްސީގެ ފަރާތުން ދެވޭނެ އެހީތަކާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ.
ރަސްމީ ބައްދަލުވުންތަކަށް ފަހު ޝެއިޚް ސަލްމާން އެމަނިކުފާނުގެ ޝަރަފުގައި، ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތެވެ.