މަރަނެއިޔޯ، އިޓަލީ (ޑިސެމްބަރު 18) - ފޯމިއުލާ ވަން ކާރު ރޭސްގެ ލެޖެންޑް ޖަރުމަނުގެ މައިކަލް ޝޫމަކާގެ ބަލި އެނދުގައި އޮތް ނަމަވެސް އޭނާގެ 50 ވަނަ އުފަން ދުވަސް ފާހަގަކޮށް އަގުވަޒަންކުރަން އޭނާ ޓީމު ފެރާރީ އިން ނިންމައިފި އެވެ.
ޝޫމަކާ ރިޓަޔަކުރީ 2012 ވަނަ އަހަރު އެވެ. އޭނާ ބޮލަށް އަނިޔާވި އެކްސިޑެންޓް ހިނގީ އޭގެ އެއް އަހަރު ފަހުންނެވެ.
މީގެ ފަސް އަހަރު ކުރިން ފްރާންސްގައި ހިނގި ސްކީ އެކްސިޑެންޓުގައި ޝޫމަކާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކުން ފަރުވާ ހޯދަމުން އަންނައިރު، އެ ހާދިސާ އަށް ފަހު އޭނާ އެއްވެސް ވަރަކަށް އާންމުންގެ ތެރެއިން ނުފެނެ އެވެ. ފްރާންސްގެ އަލްޕްސްގައި ސްކީ ކުރަމުންދަނިކޮށް ހިލައެއްގައި ޝޫމަކާގެ ބޯ ޖެހި ހިނގި ހާދިސާ އަށް ފަސް އަހަރު ވާނީ މި އަހަރުގެ ޑިސެމްބަރު މަހު 29 ވަނަ ދުވަހު އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޝޫމަކާގެ ސިކުނޑި އަށް ލިބުނު އަނިޔާއިން އޭނާ ރަނގަޅު ނުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު އަންނަނީ ހާލަތު ރަނގަޅުވަމުންނެވެ. އަދި އޭނާގެ ބަލި ހާލަތު ހުރި ގޮތުން ގިނަ ވަގުތު ތެދުވެ، އުޅެން ޑޮކްޓަރުން ލަފާނުދޭ ކަމަށް އާއިލާގެ މެމްބަރަކާ ހަވާލާދީ ޖަރުމަނު ނޫސްތަކުން ރިޕޯޓްކުރެ އެވެ.
ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި ރެކޯޑެއް ގާއިމްކޮށްފައިވާ ޝޫމަކާގެ އުފަން ދުވަހަކީ އަންނަ މަހު ތިން ވަނަ ދުވަހެވެ. ފެރާރީއިން ނިންމާފައިވަނީ "މައިކަލް 50" ގެ ނަމުގައި ބާއްވާ މި ޗެރިޓީ އެކްސްސިބިޝަން ޝޫމަކާގެ އާއިލާއިން ފަށާފައިވާ "ސްޓޭ ސްޓްރޯންގް މައިކަލް" ފައުންޑޭޝަނާ އެކު ކުރިއަށް ގެންދާށެވެ. މި ފައުންޑޭޝަނަކީ ޝޫމަކާގެ ބޭސް ފަރުވާގެ ކަންތައްތަކަށް ހެޔޮ އެދޭ ފަރާތްތަކުގެ ފަންޑް ހޯދުމަށް މީގެ ދެ އަހަރު ކުރިން އުފެއްދި ފައުންޑޭޝަނެކެވެ.
ފެރާރީން ނިންމާފައިވަނީ މި އެކްސްސިބިޝަންގައި ޝޫމަކާގެ ރޭސިންގެ ހިތްގައިމު ފޮޓޯޓަކާއި އޭނާ ރޭސް ކުރިއަށްދިޔައިރު ބޭނުންކުރި ހެލްމެޓުތައް ދައްކާލައި އެ ތަކެތި ނީލަން ކިއުމަށެވެ. ފެރާރީން ބުނީ މީގެ އެންމެ ބޮޑު މަގުސަދަކީ ޝޫމެކާގެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ފެރާރީގެ އަގު އުފުލައިދޭން ޝޫމަކާ ކުރި ކަންތައްތައް ފާހަގަކުރުމަށް ކަމަށެވެ.
ޝޫމަކާގެ އެކްސިބިޝަން ކުރިއަށްދާނީ އިޓަލީގެ މަރަނެއިޔޯގައި ހުންނަ ފެރާރީ މިއުޒިއަމްގަ އެވެ. ދާދި ފަހުން އިޓަލީގައި ވަނީ ފުޓްބޯޅަ ތަރިންގެ އެކްޒިބިޝަން އެއްވެސް ބާއްވައިފަ އެވެ. އެ އެކްޒިބިޝަންގައި ވަނީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ 1991 ވަނަ އަހަރު ބޭނުންކުރި ނަޕޯލީގެ ޖޯޒީއެއް 13،600 ޑޮލަރަށް ވިއްކާލައިފަ އެވެ.
ޝޫމަކާގެ ދަރިފުޅު މިކް ޝޫމަކާ މިހާރު އަންނަނީ ފޯމިއުލާ ޓޫ ރޭސް އިވެންޓުތަކުގައި ބައިވެރިވަމުންނެވެ. އަންނަ އަހަރު ފޯމިއުލާ ވަން އިން އުމުރުން 19 އަހަރުގެ މިކް ފެންނާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. މިކް ބުނީ އޭނާ އެއްކޮށް ފަރިތަނުވަނީސް ފޯމިއުލާ ވަން އަށް ބަދަލުނުވާނެ ކަމަށެވެ.