ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 18) - މީގެ 16 އަހަރު ކުރިން މޮނާކޯގައި ބޭއްވި ފޯމިއުލާ ވަން ރޭހެއް ކާމިޔާބުކުރިއިރު މަޝްހޫރު ކާރު ދުއްވުންތެރިއާ މައިކަލް ޝޫމަކާ ދުއްވި ފެރާރީ އެފް2001 ކާރު ނިއުޔޯކްގައި އޮތް ނީލަމެއްގައި ރެކޯޑް އަގަކަށް ވިކިއްޖެ އެވެ.
ޝޫމަކާ 2001 ވަނަ އަހަރު މޮނާކޯ ގްރާންޑް ޕްރީ ކާމިޔާބުކުރި ކާރު ވިކިފައިވަނީ 5.5 މިލިއަން ޕައުންޑަށެވެ. ޝޫމަކާ އެ ފަހަރު މި ރޭސް ކާމިޔާބުކުރީ ހަތަރު ވަނަ ފަހަރަށެވެ. އެ އަހަރު އޭނާ ވަނީ އެ ކާރުގެ އެހީގައި ހަންގޭރިއަން ގްރޭންޑް ޕްރިކްސް ކާމިޔާބުކުރުމުގެ އިތުރުން ހަތަރު ވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ނީލަމުގައި މި ކާރު ގަތް ފަރާތުން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، މިކާރު އެހާ އަގުބޮޑުކޮށް ވިކިގެން ދިއުމަކީ ޝޫމަކާ އަށް ލިބިގެންދިޔަ ހައިރާން ކަމެކެވެ.
"އަހަރެން އުއްމީދެއް ނުކުރަން މީގެ އަހަރުތަކެއް ކުރިން އޭނާ ބޭނުންކުރި ކާރެއްގެ އަގު އަދި ވެސް އެ ހިސާބުގައި ހުންނާނެ ކަމަށް. މިއީ އަހަރެމެންނަށް ލިބުނު ހައިރާންކަމެއް،" ޝޫމަކާގެ އާއިލާ މީހަކާ ހަވާލާދީ ޖަރުމަނުގެ ނޫހަކުން ރިޕޯޓްކޮށްފައިވެ އެވެ.
އުމުރުން 48 އަހަރުގެ ޝޫމަކާ ރިޓަޔަކުރީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ރޭސިންގެ ހަރަކާތްތަކާ ދުރަށް ޖެހިލި އެވެ. އަދި ފަހަކަށް އައިސް އޭނާ ވަނީ ޖަރުމަނުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ ކްލަބެއްގެ ހިއްސާ ގަންނަން މަސައްކަތް ކޮށްފަ އެވެ.