މެންޗެސްޓާ (އޮގަސްޓް 26) - ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅޭ ބްރެޒިލްގެ ވިންގާ އެންޓޮނީ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރި 90 މިލިއަން ޑޮލަރުގެ ބިޑު ވެސް ގަބޫލު ނުކޮށް ދޫކޮށްލައިފި އެވެ.
އެންޓޮނީ ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާކަން އަޔެކްސް އަށް ވެސް އެންގި އެވެ. ނަމަވެސް އަޔެކްސް އިން ބުނަމުން އަންނަނީ ކުޅުންތެރިޔާ ވިއްކާލަން ބޭނުން ނުވާ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އެންޓޮނީ ވިއްކާލާނީ 100 މިލިއަން ޑޮލަރުގެގެ ހުށަހެޅުމަކަށެވެ.
އަޔެކްސް އިން ވަނީ މި ހަފްތާގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑުން އެންޓޮނީ އަށް ހުށަހެޅި 80 މިލިއަން ޑޮލަރުގެގެ ބިޑަކަށް ވެސް ފުރަގަސް ދީފަ އެވެ.
އެންޓޮނީ ޔުނައިޓެޑަށް ގެންދަން ކޯޗު އެރިކް ޓެން ހަގް ވަނީ މިދިޔަ މެއި މަހު ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ބްރެޒިލްގެ ސައޮ ޕޯލޯ އިން 2020 ވަނަ އަހަރު އަޔެކްސް އަށް އެންޓޮނީ ގެނައީ ވެސް މިހާރު ޔުނައިޓެޑްގެ ކޯޗު ޓެން ހަގް އެވެ.
ޔުނައިޓެޑުގެ ހުށަހެޅުން ގަބޫލު ނުކޮށްގެން އެކަމާ ނުރުހުން ވެފައި ހުރި އެންޓޮނީ ވަނީ އަޔެކްސްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ދެކޮޅު ހަދައިފަ އެވެ. އަޔެކްސް އިން މި ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި އޭނާ ކުޅުނު ނަމަވެސް، މި ހަފްތާ ލީގުގައި ކުޅުނު މެޗަށް އޭނާ ޓީމަށް ނަގައިފައެއް ނުވެއެވެ.
އަޔެކްސް އަށް ކުޅެމުން މިދިޔަ އަހަރު ބްރެޒިލްގެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަން ފެށި އެންޓޮނީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ނުވަ މެޗު ކުޅެ، ވޯލްޑް ކަޕް ކޮލިފައިންގެ ދެ މެޗެއްގައި ގޯލު ޖަހައިފަ އެވެ. އަޔެކްސް އާއެކު މިހާތަނަށް އޭނާ 57 މެޗު ކުޅެފައި ވާއިރު، އޭނާ ވަނީ 18 ގޯލު ޖަހައި، 14 ގޯލުގައި އެސިސްޓު ކޮށްފަ އެވެ.
ޓެން ހާގް ވަނީ އޭނާ އަޔެކްސްގައި ކޯޗު ކޮށްދިން ލިސަންޑްރޯ މާޓިނޭޒް ވެސް ޔުނައިޓެޑަށް ގެންގޮސްފަ އެވެ. އެންޓޮނީއަށް ހުށަހެޅި 90 މިލިއަން ޔޫރޯގެ ބިޑު ދޫކޮށްލުމާ އެކު ވެސް، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އޭނާ ހޯދުމުގެ އުންމީދުގައި ޔުނައިޓެޑުން އަޔެކްސް އާއެކު މަޝްވަރާތައް ކުރަމުން ދާކަމަށް ރިޕޯޓް ކުރެއެވެ.