މެންޗެސްޓާ (އޭޕްރީލް 19) - އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކަށް އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހަގް ހަމަޖެއްސުމަށް ޔުނައިޓެޑުން އޭނާއާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ފުޓްބޯޅަ ޓްރާންސްފާ ޚަބަރުތަކުގެ އެކްސްޕާޓް ފެބްރިޒިއޯ ރޮމާނާ، ދި ގާޑިއަންގައި ލިޔެފައި ވަނީ، ޓެން ހަގްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރު އަޔެކްސް އަށް ދެއްކުމަށް ފަހު ޔުނައިޓެޑުން ކޯޗެއްގެ ގޮތުގައި އޭނާގެ ނަން އިއުލާން ކުރާނެ އެވެ.
ޔުނައިޓެޑާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޭނާ ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކްލަބުން ބޭނުން ވެއްޖެ ނަމަ އިތުރު އެއް އަހަރަށް އޭނާ އެ ކްލަބްގައި ބެހެއްޓުމުގެ އިހްތިޔާރު ވެސް ލިބޭނެ އެވެ. ޓެން ހަގް ޔުނައިޓެޑަށް ދަނީ އިތުރު ބާރުތަކާ އެކު އެވެ. އެގޮތުން ޓްރާންސްފާތަކުގައި ފަހުގެ ނިންމުން ނިންމުމުގައި އެގްޒެކެޓިވް ބޯޑާ އެކު އިސްކޮށް މަސައްކަތްކުރާ މީހަކަށް އޭނާ ވުމަށް ޓެން ހަގް ވަނީ ޝަރުތު ކޮށްފަ އެވެ.
ޓެން ހަގުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާއާ އެކު އަޔެކްސްގައި މަސައްކަތް ކުރާ މިޓްޗެލް ވެން ޑާ ގާގް ވެސް ޔުނައިޓެޑަށް ބަދަލުވާނެ އެވެ. އަދި ޔުނައިޓެޑްގައި އެލެކްސް ފާގަސަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސްޓީވް މެކްލެރެން ވެސް ކޯޗިން ޓީމަށް ގެނައުމާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ.
ޔުނައިޓެޑުގެ ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ރަފް ރަންގްނިކް އަންނަ ސީޒަނުން ފެށިގެން މަސައްކަތް ކުރާނީ ޔުނައިޓެޑްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.