އޮސްޓްރޭލިއާގެ އަންހެނަކު ބޮޑުކަމުދާން އިންދައި ފާހާނާތަށި ތެރެއިން ހަރުފައެއް އޭނާ އަށް ހަމަލާ ދީފި އެވެ.
ބީބީސީން ބުނި ގޮތުގައި ހެލެން ރިޗަޑްސް، 59، ގެ ފޫކޮޅަށް ހަމަލާ ދިން ހަރުފައަކީ ކާޕެޓް ޕައިތަންއެކެވެ. މިއީ ވިހަ ނޫން ހަރުފައިގެ ބާވަތެކެވެ.
ތަށިމަތީގައި އިންދައި ކުއްލިއަކަށް ފޫކޮޅުގައި ހަރުފަ ދަތް އެޅުމުން އޭނާ އަށް ކޮންމެވެސް ވަރަކަށް އަނިޔާ ވެސް ވި އެވެ.
"ތަށިމަތީގައި ހަމަ އިށީންތަނާ ކަހަލަ ގޮތަކަށް ކުއްލިއަކަށް ތޫނު އެއްޗެއް ދައިގަތީމަ ފުންމައިގެން ތެދުވެ، ބަލައިލި އިރު ތަށިތެރޭގައި އޮތީ ހަރުފައެއް،" ތިމާގެ މީހެއްގެ ގޭގައި ހިނގި ހާދިސާއާ ބެހޭ ގޮތުން ހެލެން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތަށިމަތީގައި އިށީން އިރު، އޭގެ ތެރޭގައި އެއްޗެއް އޮތް ކަމެއް ނޭނގެ އެވެ.
"ފާހާނާ ހުރީ ވެސް ތަންކޮޅެއް އަނދިރިކޮށް،" ހެލެން ބުންޏެވެ.
ތަށިތެރެއިން ނެގި ހަރުފައިގެ ދިގު މިނުގައި 1.5 މީޓަރު (5 ފޫޓް) ހުއްޓެވެ. އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކުގައި ހޫނު މޫސުމުގައި ފާހާނާތަށި ތެރެއިން ހަރުފަ ފެނުމަކީ އާންމު ކަމެކެވެ.