ޖެންސަން ހެރިސަންގެ އުމުރުން އެންމެ ދެ އަހަރެވެ. އެކަމަކު އޭނާއަށް ވުރެ ބޮޑެތި ހަރުފަ ހިފައިގެން އުޅެ އެވެ.

ކުޑަކުޑަ ހެރިސަން އޭނާގެ ބައްޕަ ފަދައިން ހަރުފަ ހިފަން ވަރަށް ޝައުގުވެރިވެ އެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލޭންޑްގައި ހުންނަ އެމީހުންގެ ގެޔަށް ވަން ކުޑަ ހަރުފައެއް ހިފަން ދަރިފުޅު ޖެންސަން މަސައްކަތްކުރި ފުރަތަމަ ދުވަހު ބައްޕަ ޓޯނީ އެ މަންޒަރު ބަލަން ހުރީ ވަރަށް ފަޚުރުވެރިވެފަ އެވެ. އެއީ ވިހަ ހަރުފައެއް ނޫންކަން އޭނާއަށް ޔަގީންވެ އެވެ.

ސެވަން ނިއުސް ބްރިސްބޭންއާ ވާހަކަ ދައްކަމުން ޓޯނީ ބުނި ގޮތުގައި ދަރިފުޅު ފުރަތަމަ ހިފީ ވަރަށް ކުޑަ އަދި ވިހަ ނޫން ހަރުފައެކެވެ. ދަރިފުޅު ހަރުފަ ހިފާ ހިތުން އުޅޭވަރުން އޭނާ ހަދާގޮތެއް ބަލަން ދޫކޮށްލައިގެން ހުރީ ކަމަށް ޓޯނީ ބުންޏެވެ.

މި ކުއްޖާގެ މަންމަ އަކީ ވެސް ހަރުފަ ހިފާ މީހެކެވެ. އެހެންވެ ހެރިސަން ވަރަށް ކުޑައިރު ވެސް އުޅެމުންދިޔައީ ހަރުފަތަކާ އެކުގަ އެވެ.

މި ކުއްޖާގެ ގައިގައި ބޮޑެތި ހަރުފަތައް އޮޅާލައިގެން ނަގާފައިވާ ފޮޓޯތަކެއް ވެސް ޓޯނީ ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފޮޓޯތައް ފެނުމުން ގިނަ ބަޔަކު ވަރަށް ކަންބޮޑުވާނެކަން އޭނާއަށް ވެސް އެނގެ އެވެ.

ނަމަވެސް އޭނާ ބުނީ އެ އާއިލާއަކީ ހަރުފަ ދެކެ ވަރަށް ލޯބިވާ އާއިލާއެއް ކަމަށާއި ރައްކާތެރިވާނެ ގޮތް އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ހުރިހާ ވަގުތެއްގައި ވެސް އެމީހުން ދަރިފުޅުގެ ސަލާމަތަށް ވިސްނާ ކަމަށް ބުންޏެވެ.

"ކޮންމެ ދިރޭ އެއްޗަކީ ވެސް އަގުހުރި އެއްޗެއްކަން ދަރިފުޅަށް އެނގެން އަހަރުމެން ބޭނުންވީ،" ޓޯނީ ބުންޏެވެ.